ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ވަރަށް ކުލަގަދަކޮށް ބައިނަލްއަގްވާމީ ޔޯގާ ޑޭ މިއަދު ފާހަގަކޮށްފި އެވެ.
އިންޑިއާ ހައި ކޮމިޝަނުން އިންތިޒާމު ކުރި ޔޯގާ ޑޭ ފާހަގަ ކުރުމުގެ ހަފުލާ މި އަހަރު ބޭއްވީ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގަ އެވެ. އެ ހަރަކާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ.
ޔޯގާ ޑޭ ފާހަގަ ކުރަން ބޭއްވި ހަފުލާގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. މިއަހަރުގެ ޔޯގާ ޑޭގެ ޝިއާރަކީ "ޔޯގާ ފޯ ވަން އާތު، ވަން ހެލްތު" އެވެ. މިއީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ 11 ވަނަ ޔޯގާ ޑޭ އެވެ. މިދިޔަ އަހަރު ވެސް ރާއްޖޭގައި މި ދުވަސް ފާހަގަކޮށްފައިވެ އެވެ.
ޔޯގާ އަކީ ޝިރުގެ އަމަލެއް ކަމަށް މި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މީގެކުރިން ބުނެފައިވެ އެވެ. ނަމަވެސް ވެރިކަމަށް އައުމަފަހުން ފެންނަނީ ޝިރުކު ކަމަށް ބުނި އެ ދުވަސް ފާހަގަކުރަން އެހީތެރިކަން ފޯރުކޮށްދޭ މަންޒަރެވެ.
ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަންތަކެއް ނަކަލުކޮށްގެން ހިންގާ ކަސްރަތުގެ ހަރަކާތްތަކެއް މީގެކުރިން ބައެއް ދީނީ އިލްމުވެރިން ވެސް ބުނެފައިވެ އެވެ. އަދި އެކަމާ ދެކޮޅަށް އަޑުއުފުލުމަށް މިދިޔަ ސަރުކާރުގެ ދުވަސްވަރު އެއްވުމެއް ވެސް ބޭއްވި އެވެ. ނަމަވެސް މި ސަރުކާރު އައިފަހުން އެ ދުވަސް ފާހަގަކުރިޔަސް ޖަމިއްޔަތުއްސަލަފުގެ ދީނީ އިލްމުވެރިން މިކަމާ ގުޅޭގޮތުން އެއްވެސް ބަހެއް ނުބުނެ އެވެ.
މިދިޔަ ވެރިކަމުގައި ޔޯގާ ޑޭ ފާހަގަކުރަމުން ދަނިކޮށް ވިލިމާލެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އިސްމާއީލް އިސްވެ ހުރެ މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައިވެ އެވެ.