ސްޓާ ޕްލަސްގެ މަޝްހޫރު ސީރީޒް "އަނޫޕަމާ"ގެ ޝޫޓިން ކުރިއަށްދާ ސެޓުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މުމްބާއީގެ ފިލްމް ސިޓީގައި ހުރި އަނޫޕަމާގެ ސެޓުގައި ރޯވެފައި ވަނީ އަންގާރަ ދުވަހުގެ ފަތިހު 5:00 ހާއިރު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ ސެޓުގައި ރޯވިއިރު އެތަނުގައި ގިނަ ބަޔަކު ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާއިރު، އެ އަލިފާނުގައި ޝޯގެ ޝޫޓިންގައި ބޭނުން ކުރަމުން އައި ގިނަ ތަކެތި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާ އަޅިއަށް ވެފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ސެޓުގައި ރޯވެފައި ވަނީ އެ ދުވަހުގެ ޝޫޓިންއަށް ހުރިހާ ތައްޔާރީތަކެއްވެ، ޝޫޓިން ފަށަން ދެ ގަޑިއިރަށް ވެފައި ވަނިކޮށެވެ.

މި ހާދިސާއާއެކު އިންޑިއާގެ އޯލް އިންޑިއާ ސައިން ވޯކާސް އެސޯސިއޭޝަން އިން ވަނީ މި ހާދިސާ ތަހުގީގުކޮށް އެ ކަމުގައި އިހުމާލު ވެފައިވާ އެންމެންނަށް ފިޔަވަޅު އަޅަން ގޮވާލާފަ އެވެ.

މި ހާދިސާއާ ބެހޭގޮތުން ޝޯގެ ޕްރޮޑިއުސަރުންނާއި އެކްޓަރުންގެ ބަހެއް މިހާތަނަށް ލިބިފައި ނުވާއިރު ޝޯގެ ޝޫޓިން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.