މީނާކްޝީ ސެޝާދަރަަކީ 1980 އާއި 90ގެ ކުރީކޮޅު ބޮލީވުޑްގެ ފިލްމުތަކުން އާއްމުންގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދި ތަރިއެކެވެ. ކައިވެންޏަށްފަހު އޭނާ ވަނީ ބޮލީވުޑް ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
އެކި ސަބަބުތަކަށްޓަކައި މީނާކްޝީ އާއި އޭރުގެ މަގުބޫލު އެހެން ތަރިއެއް ކަމަށްވާ މާދޫރީ ޑިކްސިޓްއާ ދެމެދު އަޅާކިޔުންތައް ގިނަ އެވެ. މިކަމާ ބެހޭ ގޮތުން އޭރު އެ ދެތަރިން ވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
އެހެން ނަމަވެސް އަހަރުތަކަކަށް ފަހު މީނާކްޝީ ބޮލީވުޑަށް އަނބުރާ އަންނަން ނިންމާފައިވާއިރު، ތައުރީފާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވެސް މިވަނީ އަމާޒުވެފަ އެވެ.
އެގޮތުން އޭނާ ބޮލީވުޑަށް އަންނަނީ މެދު އުމުރުގައި ކުރާނެ ކަމެއް ނެތިގެން ކަމަށާއި ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް މާދޫރީއާ އަރާ ހަމަ ނުކުރެވޭނެ ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ.
އެންމެ ފަހުން މީނާކްޝީ މިވަނީ މި ފާޑުކިޔުންތަކަށް ރައްދެއް ދީފަ އެވެ. އޭނާ ބުނީ އެ ދެތަރިންނަކީ ވެސް ވަކި ދެ މީހުން ކަމަށާއި އޭނާ މަދޫރީއަށް ނުވެވޭނެ ފަދައިން މަދޫރީ ވެސް އޭނާއަށް ނުވެވޭނެ ކަމަށެވެ.
ހަމައެއާއެކު ޕްލާސްޓިކް ސާޖަރީ ހަދައި ޖިސްމާނީ ސިފަތައް ބަދަލުކުރަން ބުނެ މީހުން ކުރާ މަލާމާތަށް އޭނާ މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ވެސް މީނާކްޝީ ބުންޏެވެ.
މީނާކްޝީ އާއްމުންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ 1993 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ދާމިނީ"ގައި އޭނާ ދައްކުވައިދިން ރޯލުގެ ސަބަބުންނެވެ.