ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްއަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.1 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެމްއޭސީއެލް އިން ބުނީ މިދިޔަ އަހަރު ރިކަރަންޓު ހަރަދުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހަރަދުވި ނަމަވެސް، ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލައި އިރު 32.2 ޕަސެންޓުގެ ކުރިއެރުމެކެވެ. މިއީ އެ ކުންފުނީގެ ތާރީހުގައިވެސް މިވަރުގެ ބޮޑު ސާފު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.
އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ވަނީ ބާއްވާފަ އެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާޙް ވިދާޅުވީ އެމްއޭސީއެލް އިން ފާއިތުވި އަހަރު ހޯދާފައިވާ ކާމިޔާބީތަކަކީ ކުންފުންޏަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެމްއޭސީއެލްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށާއި އުންމީދަކީ އެ ކުންފުންޏަށް އިތުރު ކާމިޔާބީތައް ލިބިގެންދިއުން ކަމަށް ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ އެ ކުންފުނިން ފާއިތުވި އަހަރު ހޯދި ކާމިޔާބީއަކީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެގޮތުގައި ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން ކުންފުނީގެ ބޯޑަށާއި މެނޭޖުމަންޓަށް އޭނާ ވަނީ އަރުވާފަ އެވެ.
ޝަރީފް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އާ ޓާމިނަލް އާއެކު ކުންފުނިން ދެމުން އަންނަ ހިދުމަތްތައް އިތުރުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ފައިދާ އިތުރުކުރުން ކަމަށެވެ. އެގޮތުން އާ ޓާމިނަލް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ އިންގިލާބީ ބަދަލެއް ކަމަށް ވިދާޅުވި އެވެ.
އެމްއޭސީއެލްއިން އެންމެ އިސްކަމެއް ދީގެން މިވަގުތު ކުރިއަށް ގެންދާ މަސައްކަތަކަކީ އާ ޕެސެންޖާ ޓާމިނަލް ހުޅުވުމުގެ މަސައްކަތެވެ. އެމްއޭސީއެލްގެ އާ ޕެސެންޖާ ޓާމިނަލް ހުޅުވޭއިރު، އެތަނު ހިދުމަތްތައް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްގައި އުމްރާނީ ގިނަ ވަސީލަތްތަކެއްވަނީ ގާއިމްކުރެވިފަ އެވެ.