ލޭންޑް ޔޫސް ބަދަލުވެ، ގުޅިފަޅުން ގޯތި ދިން ތަން ބަދަލުވުމާ ގުޅިގެން އާ އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމެންޓަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އާ ލޭންޑް ޔޫސް ޕްލޭނާ ގުޅިގެން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގޯތި ލިބޭ ތަނެއް ކަނޑައެޅުމަށް މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ވަނީ އަލުން ގުރުލާފައެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ"އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ އެކަކުން ފެށިގެން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އާއި ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓްއަށް ހެއްދޭނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރަޖިސްޓްރީ އާއި އެއްބަސްވުން ދޫކުރާނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 09:30 އިން ފެށިގެންނެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ ފަސް މިނެޓު ފަހުން ހާޒިރުވާ މީހުންނާއި ލިޔެކިޔުންތައް ފުރިހަމައަށް ހުށަނާޅާ މީހުންގެ އެޕޮއިންޓެމެންޓް އެ ދުވަހަކަށް ކެންސަލް ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެޕޮއިންޓްމެންޓް ހަމަޖެހުނު ދުވަހާއި ގަޑިއާއި ތަން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އަދި ފޯނަށް އެސްއެމްއެސްގެ ޒަރިއްޔާއިން އަންގާނެ އެވެ.