ކައުންސިލުތަކުގެ ބެލެނިވެރި އިދާރާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާތަކުގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް މިއަދު ހުޅުވައިލައިފި އެވެ.

އެލްޖީއޭއިން ކުރި އިއުލާނެއްގައިވާ ގޮތުން، އައު ދައުރަށް ސިޓީ ކައުންސިލަރުންގެ ތެރެއިންނާއި ރަށު ކައުންސިލަރުންގެ ތެރެއިން ކައުންސިލަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާތަކުގެ ތެރެއިން މެންބަރަކު ބޯޑަށް އިންތިހާބުކުރުން އޮންނާނީ އަންނަ އޮގަސްޓު މަހުގެ އަށްވަނަ ދުވަހު އެވެ.

މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ފުރުސަތު އޮންނާނެ އެވެ.

މި އިންތިހާބަށް ކުރިމަތިލާން އެދޭ ފޯމާއި ބޭނުންވާ ލިޔެކިޔުންތައް އެލްޖީއޭގެ ރަސްމީ އީމެއިލް މެދުވެރިކޮށް ނުވަތަ އެ އިދާރާގެ އޮފީހަށް ހާޒިރުވެގެން ވެސް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އަދި ވޯޓުލުމަށްފަހު އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

ލާމަރުކަޒީ ގާނޫނު ބަޔާންކުރާ ގޮތުން އެލްޖީއޭގެ ބޯޑު އެކުލެވިގެންވަނީ ޖުމްލަ ނުވަ މެންބަރުންގެ މައްޗަށެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރެއްގެ އިތުރުން ޖެންޑާ އިކުއަލިޓީގެ ދާއިރާއިންނާއި، ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރުންނާއި މަދަނީ ޖަމިއްޔާތައް ތަމްސީލުކުރާ މެންބަރަކު ހިމެނެ އެވެ. މީގެ އިތުރުން، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ރަށު ކައުންސިލްތަކުން އިންތިހާބުކުރާ މެންބަރުންގެ އިތުރުން ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ސީއީއޯވެސް މި ބޯޑުގައި ހިމެނެންޖެހެ އެވެ.

މި ބޯޑަކީ ކައުންސިލްތައް މޮނިޓާކޮށް، ކައުންސިލަރުން މަގާމުގެ ނާޖާއިޒު ފައިދާ ނެގުމާއި، މަސްއޫލިއްޔަތު އަދާނުކުރުން ފަދަ ގާނޫނާ ޚިލާފު ކަންކަން ކުރާނަމަ ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ލިބިގެންވާ މުހިންމު ބޯޑެކެވެ. މީގެ ތެރޭގައި ކައުންސިލަރުން ވަކި މުއްދަތަކަށް މަގާމުން އެކަހެރިކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅުންވެސް ހިމެނެ އެވެ.