ރައީސް މުހައްމަދު މުއިއްޒު މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވި އެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ތަރައްގީގެ އެތައް ސަތޭކަ ޕްރޮޖެކްޓެއްގައި އެމަނިކުފާނު ސޮއި ކުރެވޭނެ އެވެ. އޭގެ ފަހުން ރައީސްގެ އަޑުފުޅާއި ހަރަކާތްތެރިކަން އާންމުންނަށް ފަނޑުވެއްޖެ އެވެ. ފެންނަނީ އެމަނިކުފާނު ބޭރަށް ކުރައްވާ ދަތުރުފުޅެވެ. ފުރަތަމަ މެލޭޝިއާ އަށެވެ. އޭގެ ފަހުން ހައްޖަށެވެ. ސައޫދީ ރަސްގެފާނުގެ "ޚާއްސަ" މެހެމާނެއްގެ ހައިސިއްޔަތުންނެވެ. އޭގެ ފަހުގައި ސިންގަޕޫރަށެވެ. ސިންގަޕޫރު ސަރުކާރުގެ ޚާއްސަ ދައުވަތަކަށެވެ.

ސިންގަޕޫރުގައި ރައީސްގެ ދެމަފިރިކަނބަލުންގެ ޝަރަފުގައި އެގައުމުގެ ހައިބްރިޑް އޯކިޑް ގަހަކަށް ނަން ދެވުނެވެ. އެއީ ސިންގަޕޫރުގެ ޑިޕްލޮމިޓިކް ސަގާފަތެކެވެ. އެ ގައުމު އުފެދުނީއްސުރެ ހިނގަމުން އަންނަ އާދަކާދަޔާ ގުޅުން ހުރި ކަމެކެވެ. ދިވެހި ރައީސަކަށް މި ޝަރަފު ފުރަތަމަ ލިބި ވަޑައިގެންނެވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށެވެ. އެމަނިކުފާނުގެ ދެމަފިރިކަނބަލުންގެ ނަންފުޅުގައި ވެސް މިފަދަ އޯކިޑަކަށް ނަން ދެވުނެވެ.

ރައީސް މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ ނަމުން ނަންދިން އޯކިޑް ގަސް ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒުގެ މާބޮޑު ހަރަކާތެއް އާންމު މުޖުތަމައުގައި ނުފެނި އެމަނިކުފާނުގެ މީޑިއާ ޓީމަށް އުފައްދާނެ މާ ބޮޑު ކޮންޓެންޓެއް ނެތިފައި އޮތް ދަނޑިވަޅެއްގައި ސިޔާސީ އުދަރެހުން ކުއްލިއަކަށް ފާއްދާލީ ރައީސް ނަޝީދުގެ ތަރި އެވެ. އޮއްސެމުން ދިޔަ އެ ތަރި ނުއަތު ބުރެއް އަޅާފައި އެނބުރި އައިސް އެމްޑީޕީގެ މެދުއުޑުން ފިޔަޖަހާލީ ކުއްލިއަކަށެވެ.

(ޖޫން 23، 2025) - ދެ އަހަރު ފަހުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ އެއްވުމުގައި ނަޝީދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތް ބިޔަ މައްސަލައަކީ ދަރަނީގެ މައްސަލަ ކަމެވެ. އެކަމާ އެކަކު ވެސް ދެބަހެއް ނުވެ އެވެ. އެނގެން ބޭނުން ވަނީ ހައްލެވެ. އެމަނިކުފާނު ވިދާޅުވި އެވެ. ދަރަނީގެ މައްސަލަ ހައްލު ކުރާނެ ގޮތް އެނގިވަޑައިގަންނަވަ އެވެ. ހައްލު ކުރައްވާނެ ގޮތެއް ވިދާޅެއް ނުވެ އެވެ. ވިދާޅުނުވިޔަސް އެ ވާހަކަފުޅުގެ ތަރުޖަމާއަކީ އެމަނިކުފާނާ ވެރިކަން ހަވާލު ކުރަންވީ ކަމެވެ. އޭރުން ދަރަނީގެ މައްސަލަ ނުހަނު ފަސޭހައިން ހައްލުކޮށް ދެއްވާނެ ކަމަށެވެ.

މާޒީއަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑެވެ. ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަން ކުރައްވަން ދެއަހަރެއްހާ ދުވަސް ލިބި ވަޑައިގެންނެވި އެވެ. ގައުމުގެ ސަލާމަތާ ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް އެ ދުވަސްކޮޅު ދައުލަތުގެ ހަރު މުދަލަށް އެމަނިކުފާނު ހެއްދެވި ގޮތަކީ މާޒީ އެވެ. އެ މާޒީއިން އިބުރަތް ލިބިގަނެގެން ކުރިމަގަށް ގޮތް ނިންމުން އޮންނާނީ މިއަދުގެ ޖީލަށެވެ.

ރައީސް ބޭރު ގައުމުތަކުގައި ފުރަމާނަ ދަތުރުފުޅުތަކުގައި އަވަދި ނެތި އުޅުއްވާއިރު، ރައީސް ނަޝީދު އެ ގެންދަވަނީ އެމްޑީޕީގައި ކުރިން އެމަނިކުފާނަށް އޮތް ގަދަރާއި އިހުތިރާމް އަލުން ހޯއްދެވޭތޯ މަސައްކަތް ކުރައްވަމުންނެވެ.

ރައީސް މުހައްމަދު މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގަތުމަށް މަތިންދާބޯޓަށް އަރާވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ދެ ރައީސުން އެ ބޭފުޅުންގެ އަމިއްލަ ހާލާއެކު ބުރަކޮށް އުލުއްވަމުން ގެންދަވާއިރު ކައުންސިލްތަކުގެ އިންތިޚާބު އޮތީ ބޯމަތި ވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ހއ. އިން ފެށިގެން އައްޑު އަތޮޅާ ހަމަޔަށް ކައުންސިލްތަކުގެ މެޖޯރިޓި އެމްޑީޕީއިން ނަގަން ޖެހޭނެ ކަމަށެވެ. ކައުންސިލް އިންތިޚާބަކީ މާޒީއަށް ބަލާއިރު އެމްޑީޕީއަށް ކާމިޔާބުކުރަން އެންމެ އުނދަގޫ އިންތިޚާބެވެ.

ކައުންސިލް އިންތިޚާބަށް ތާއީދު ހޯދުމުގެ ގޮތުން ރައީސް މުއިއްޒުގެ ޓީމުތައް މިހާރު ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ. ރަސްމީ ހެދުމުގައި ރާއްޖެތެރޭގެ އެކި ރަށްރަށަށް ޓީމުތައް ވަނީ ފުރާފަ އެވެ. މުއިއްޒަށް އޮތް ފައިދާއަކީ ސަރުކާރުގެ ވަސީލަތްތައް އެމަނިކުފާނަށް ބޭނުން ކުރެވެން އޮތުމެވެ.

ޕީއެންސީގެ އިސްވެރިންތަކެއް މިދިޔަ ހަފުތާގައި އަތޮޅުތެރެއަށް ކުރި ދަތުރުގައި މަޖްލިސް މެމްބަރުންތަކެއް ބައިވެރިވަނީ.

ކޯޓު ފަޓުލޫނުގައި ފުރައިގެން ރަށްރަށަށް ދާ ޓީމު ތައް ދަނީ ފައިކޭޓުތައް ފުރާ ހަދިޔާ ހިފައިގެންނެވެ. އިންތިޚާބީ މޫސުމަކީ މެޓާ ބެހުމުގެ މޫސުމެވެ. ބައްދަލުވާ ކޮންމެ މީހަކަށް ހަދިޔާ ލިބޭނެ އެވެ. ބައިއަތު ހިފާ މީހުންނަށް ގިނައިންނެވެ. އިދިކޮޅު މީހުނަށް އެކި ފެންވަރުގެ ގޯނާތަކާ ކުރިމަތި ވާނެ އެވެ. ވަޒީފާ ގެއްލުން ފަދަ ތަފާތު ތުރާތައް ކުރިމަތިވާނެ އެވެ.

ވަޒީފާގެ ފުރުސަތުތަކާއި ތަރައްގީގެ ޕްލޭންތަކުގެ ރީތި ކުރެހުންތަކާއި އެކިއެކި ކަންކަމަށް ފައިސާގެ އެހީ ލިބުމަކީ ވޯޓުގެ ފޯވައްސާ ދިމާކޮށް ހިނގާ އެންމެ މުހިންމު ކަންތަކެވެ. އެ ދުވަސްވަރުގެ ފައިދާ ނަގަން ދަންނަ ބައެއް މީހުން ދިރިއުޅެނީ އެއް ވޯޓުން އަނެއް ވޯޓަށް އިތުރު މަސައްކަތެއް ނުކޮށް އުޅެވޭ ފެންވަރުގަ އެވެ. އަނެއް ބަޔަކު ގޭގެ ޓިނު ފުރާޅު އާކޮށްލައި، އާ ސައިކަލާއި ކާރު ގަނެލުމަށް ފުރުސަތުގެ ބޭނުން ހިފަ އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަހަގަ ޖަލްސާގައި އެ ޕާޓީން ސިޔާސީ މަގާމުތައް ދީފައިވާ ގިނަ އަދަދެއްގެ މީހުން ބައިވެރިވަނީ. ފޮޓޯ: ޕީއެންސީ

ވޯޓު ވިއްކުމާއި ގަތުމުގެ ހަރަކާތްތައް ނިމުމަށްފަހު ދެން އޮންނާނީ ވައުދު ތައް ނުފުއްދިގެން ގޮވާ ޝަކުވާގެ އަޑު ގަދަވެފަ އެވެ. ޝަކުވާގެ ވަގުތުގައި މެޓާ ބެހި މީހުން އަޑު އަހާކަށް ނުތިބޭނެ އެވެ. އެހެންކަމުން އެކަމާ ވިސްނަންވީ ވޯޓުލުމުގެ ކުރިންނެވެ. ކެމްޕޭނަށް އަންނަ މީހުން ދައްކަނީ ގަބޫލު ކުރެވޭފަދަ ވާހަކަތަކެއްތޯ ވިސްނާލަން ޖެހެނީ ތިމާގެ އަމިއްލަ ސިކުންޑިންނެވެ.

އެ މީހަކު އެ ދައްކާ ވާހަކައަކީ މާޒީގެ ލޯގަނޑުން ބަލައި އިންސާފުގެ ތަރާދުން ދެކޮޅު ހަމަވާ ވާހަކައެއް ކަމަށް ގަބޫލު ނުކުރެވޭ ނަމަ އެ މީހެއްގެ މެޓާގައި ހިފާފައި ވޯޓު ނުދޭށެވެ. މުއިއްޒަކަށް، ނަޝީދަކަށް، ކޯޓު ފަޓުލޫނު ލީ ޓީމަކަށް ބަލާނެ ކަމެއް ނެތެވެ. ވޯޓަކީ އަމިއްލަ ޒިންމާއެއް ކަމަށް ދަނެ، އެ ޒިންމާ ފުރިހަމަޔަށް އަދާކޮށްގެން ނޫނީ ގައުމަށް ހެވެއް ނެތެވެ.