ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެ ނަމުގައި ވަގު ފޯމް ހުށަހެޅި، ވެރިކަން ކުރާ ޕާޓީ، ޕީއެންސީން މެންބަރުން ވަކިވާން ފަށާފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ޕީއެންސީގެ މެންބަރުންގެ ގޮތުގައި 68،968 މީހުން ތިއްބެވެ. އަދި މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ޖޫން މަހުގެ 30ގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބީ ޖުމްލަ 68،665 މެންބަރުންނެވެ. އެހެންކަމުން މި އަހަރުގެ ތެރޭގައި 300 މީހުން ވަނީ އެ ޕާޓީން ވަކިވެފަ އެވެ.

ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ ޕާޓީއަށް ހެދީ ވަގު ފޯމް ހުށަހަޅައިގެންކަން ވަނީ ފަޅާއަރާފަ އެވެ.

މީގެއިތުރުން ޑީއެންއާރްގައި ހުރި ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން އެ ޕާޓީގެ މެންބާޝިޕް ފޯމްތައް ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އާންމުވި އެވެ. އެ މަސައްކަތް ކުރިއަށްގެންދިޔައީ ޑީއެންއާރްގެ އޮފީސް ތެރޭގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގައި 43،755 މެންބަރުން ތިއްބެވެ. މިއަހަރުގެ ތެރޭގައި އިތުރު 10 މެންބަރުން އެ ޕާޓީއަށް ސޮއިކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ތިންވަނައަށް އެންމެ ގިނަ މެންބަރުން ތިބީ ޖުމްހޫރީ ޕާޓީގަ އެވެ. އެއީ 13،456 މެންބަރުންނެވެ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭގައި 9011 މެންބަރުން އެބަތިއްބެވެ.

އަދާލަތު ޕާޓީގައި 8844 މެންބަރުން ތިއްބެވިއިރު، އެމްއެންޕީގައި 5836 މެންބަރުން އެބަތިއްބެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވައި އުފެއްދެވި ޕީއެންފްގެ މެންބަރުންގެ އަދަދަކީ 3046 މެންބަރުންނެވެ.