ޗައިނާއިން ދިރާސާތަކެއް ކުރަމުން އަންނަ ކ. ރަސްފަރީ ފަރުގައި މުރަކަ އިންދުމުގެ މަސައްކަތަށް އެހީތެރިވެދިނުމަށް އިންޑިއާގެ ވިޔަފާރިވެރިންގެ މަސްލަހަތު ހިމެނޭ ކުންފުންޏަކާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އޮބްލޫ ސެލެކްޓް ބައި އެޓްމޮސްފިއާ އެޓް ސަންގެލި އާއިއެކުގަ އެވެ. އޮބްލޫގެ މެނޭޖިން ޑިރެކްޓަރަކީ އިންޑިއާގެ ވިޔަފާރިވެރިޔެއް ކަމަށްވާ ސަލީލް ޕަނިގްރާހީ އެވެ.
އެއްބަސްވުމުގެ ދަށުން އޮބްލޫއިން ރަސްފަރީގައި ކުރާނެ ސީދާ މަސައްކަތެއް އީޕީއޭއިން ހާމަކޮށްފައެއް ނުވެ އެވެ. ރަސްފަރީ ފަރުގައި މުރަކަ އިންދުމަށް ބޭނުންވާ ދިރާސާތަކެއް ކުރުމަށް ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ފެބްރުއަރީ 2025 ގަ އެވެ.
މި އެއްބަސްވުމުގެ ދަށުން ކަނޑު މޮނިޓާ ކުރާ ޑިވައިސްތައް ރަސްފަރީގައި ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. މިކަމުގެ ސަބަބުން ކަނޑުގެ ޖާސޫސް ކުރުމުގެ ފުރުސަތު ޗައިނާއަށް ފަހިވެގެންދާނެކަމުގެ ބިރު ބައެއް ފަރާތްތަކުން ފާޅުކޮށްފައިވެ އެވެ.
ނަމަވެސް ރައީސް މުހައްމަދު މުއިއްޒު މެއި 3 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ ޗައިނާއާއެކު ހެދި އެއްބަސްވުމުގެ ދަށުން ޖާސޫސް ކުރުމުގެ ފުރުސަތު އެ ގައުމަށް ފަހިވެފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް، ތަޖުރިބާކާރުން ބުނާ ގޮތުގައި ޗައިނާއިން ހަރުކުރާ ޑިވައިސްތަކުން ކަނޑުގައި ދުއްވާ ސަބްމެރިންތަކާއި މަނަވަރުތަކުގެ އިތުރުން ވަކި އުސްމިނަކުން މަތިންދާބޯޓު ދަތުރުކުރާނަމަ އެކަން ވެސް ދެނެގަނެވޭނެ އެވެ.
ޗައިނާއާއެކު އެއްބަސްވުން ހެދުމަށްފަހު ރާއްޖެއާ ރަހުމަތްތެރި ވަރަށް ގިނަ ގައުމުތަކުން މިކަމާމެދު ނުރުހުން ފާޅުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ޗައިނާއާއެކު ހެދި އެއްބަސްވުމަށް އޭގެ ފަހުން އަމަލު ކުރަމުންދާކަމެއް އަދި ސާފުކޮށެއް އެނގިފައެއް ނުވެ އެވެ.