އައްޑު އަތޮޅުގެ މި ހުނަރުވެރިޔާ ސާބިތުކޮށްދެނީ ކުރާހިތްވާ މަސައްކަތެއްގައި ދެމިހުރުމަކީ، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބުމުގެ އިތުރުން މުޖްތަމައުއަށް ވެސް ގިނަގުނަ ފައިދާ ކުރުވައިދޭނެ ކަމެއް ކަމަށެވެ.
އެއީ މީގެ 40 އަހަރު ކުރި އެވެ. 1982ގައި އުމުރުން އެންމެ 14 އަހަރުގައި ސ. ފޭދޫއަށް އުފަން މަރިޔަމް ނިއުމަތު (ނިއުމަތު) ކޮންމެ ދުވަހެއްގެ ހެނދުނު ބަހުގައި ދަތުރުކޮށް އެ އަތޮޅު ގަމަށް އަންނަނީ ގަމުގައި ހިންގާ ހެދުން ފަހާ ފެކްޓަރީއެއް ކަމަށްވާ ގަން ގާމަންޓް ފެކްޓަރީގައި ފެހުމުގެ މަސައްކަތް ކުރުމަށެވެ.
އެއީ އޭނާ އެންމެ ފުރަތަމަ އަދާކުރި ވަޒީފާ އެވެ. އަދި އެކަމުގައި މިއަދު ވެސް ދެމިހުރި މަސައްކަތެވެ. އެ ދުވަސްވަރު ހިތަދޫ، މަރަދޫ އަދި ފޭދޫ އިން ގަމުގެ ފަހާ ފެކްޓަރީއަށް ދާން ބޭނުންވާ ކުދިންނަށް ބަސްދަތުރު ހަމަޖައްސައިދެވިފައިވުމުން ގިނަ ކުދިންތަކެއް އެ މަސައްކަތަށް ނުކުތެވެ. ނިއުމަތު ފަދައިންނެވެ.
"އަޅުގަނޑު ވަރަށް ކުޑައިރު މަންމަ ނިޔާވެއްޖެ. ބަލާބޮޑު ކުރީ ބައްޕަ އާއި ބައްޕަ ފަރާތު ބޮޑުދައިތައެއް. އެ ދެމީހުން ވެސް އަޅުގަނޑު ބަލައި ބޮޑުކުރީ ވަރަށް ލޯބިން. އަޅުގަނޑަށް ދިރިއުޅެވޭނެ ގޮތް މަގުފަހި ކޮށްދިން. އައްޑޫގައި 1981ގައި ފަހާފެކްޓަރީގެ މަސައްކަތް ފެށުނުއިރު އަޅުގަނޑު ވަރަށް ހަގު. ނަމަވެސް 1982ގައި އެ މަސައްކަތަށް ނުކުތީ މަސައްކަތް ކުރެވޭ ވަރުވީމަ. އޭރު އެ ފެކްޓަރީއަށް ދާނެ އައްޑޫގެ ވަރަށް ގިނަ އަންހެން ކުދިން. ފުވައްމުލަކުން ވެސް އެ ފެކްޓަރީގައި މަސައްކަތް ކުރުމަށް ކުދިން އަންނާނެ،" ނިއުމަތު ކިޔައިދިނެވެ.
ގަން ގާމަންޓް ފެކްޓަރީއަކީ ހޮންކޮންގުގެ ކުންފުންޏަކާއި ދިވެހި ސަރުކާރު ހިއްސާވެގެން އޭރު ހިންގުނު ކުންފުންޏެކެވެ. ދެ ބަޔަކަށް ބެހިފައިވާ އެ ކުންފުނިން މައިގަނޑު ގޮތެއްގައި ތައްޔާރުކުރީ ގަމީސް، ފަޓުލޫނު، ޝޯޓްސް، ޓޮޕްސް، ސްކާޓްސް، އަދި ސުވިޓަރު ފަދަ ބާވަތްތަކެވެ. މިތަކެތި ތައްޔާރުކުރުމަށް ފަހު ބޭރުކުރެވެނީ އެމެރިކާ އާއި ކެނެޑާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކަށެވެ.
ނިއުމަތު ބަހުގައި މަސައްކަތަށް އަންނަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8 ޖަހާއިރަށެވެ. އެއްގަޑިއިރުގެ ބްރޭކަކަށްފަހު ހަވީރު 30؛4ގައި މަސައްކަތް ނިމުނު ކަމަށް ވިނަމަވެސް، ރޭގަނޑު 8 ޖަހަންދެން އިތުރު ގަޑީގައި މަސައްކަތް ކުރުމުގެ ބޭނުމުގައި އޭނާ މަޑުކުރެ އެވެ. ދިވެއްސެއްގެ އޭރުގެ މުސާރައަކީ 300 ރުފިޔާ އެވެ. އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ އިތުރު އުޖޫރައެއް ދެވެ އެވެ.
ގަން ގާމަންޓް ފެކްޓަރީގައި މަސައްކަތް ކުރާ ވައްޓަފާޅި ނިއުމަތަށް ވަރަށް ކަމުދިޔަ އެވެ. މުޅި ހެދުން އެކަކު ފަހާ ނިންމުމުގެ ބަދަލުގައި ކޮންމެ މީހަކަށް ވަކިން ކަމެއް ހަވާލުވެވިފައިވެ އެވެ. މިސާލަކަށް ގަމީސްތަކެއް ފަހާނަމަ އޭގެ ހުރިހާ ގިރުވާނެއް އެޅުން ހަވާލުވެފައި ވާނީ އެކަކާ އެވެ. ނުވަތަ ހުރިހާ ގަމީހެއްގެ އަތުކުރި ފަހާނީ އެކަކެވެ. އެގޮތަށް ގިނަ އެއްޗެހިތަކެއް ވަރަށް ފުރިހަމަކޮށް އަވަހަށް އެއްފަހަރާ ފަހާ ނިންމާލެވެ އެވެ.
"އެފެކްޓަރީގައި އަޅުގަނޑު މަސައްކަތް ކުރިން ހަ އަހަރު ވަންދެން. ފަސްވަނަ އަހަރު އެ ފެކްޓަރީގެ މެޝިންތަކަށް ދިމާވާ މައްސަލަ ހައްލުކުރުމަށް މެކޭނިކުން ގެނައި. އެތަނުން މެކޭނިކަކާ ދިމާވެ، ކައިވެނިކޮށް ފުރަތަމަ ދަރިފުޅު ވިހެއީ. އަދި ދަރުފުޅު ބަލަން ވަޒީފާއިން ކެނޑިގެން ގޭގައި ހުރީ،" ނިއުމަތު އޭނާގެ މާޒީ ހަނދާންކޮށްލަމުން ކިޔައިދިނެވެ.
ފެހުމަކީ އޭނާގެ ހިތާ ގުޅިފައިވާ ކަމަކަށް ވާތީ ވަޒީފާއިން ކެނޑިގެން ގޭގައިހުރި ނަމަވެސް ވަގުތު ލިބޭ ވަރަކުން ކޮންމެ ވެސް ސިފައެއްގައި އޭނާ ފަހައި ހަދަ އެވެ. ނަސީބު ދިމާކުރި ގޮތުން އޭނާގެ 3 ކުދިން ބޮޑުވެ އޭގެ ތެރެއިން އެއް ކުއްޖަކު ޚިޔާރުކުރީ ފަހާ ފެކްޓަރީއެއް ހުޅުވައި ފެހުމުގެ މަސައްކަތް ކުރުމަށެވެ.
އެގޮތުން "މޯލްޑިވްސް ޓޭލާސް ފެކްޓްރީ"ގެ ނަމުގައި މާލޭގައި ފެހުމުގެ މަސައްކަތް ކުރާ ދެތަނެއް ހުޅުވައި ފެހުމުގެ ޚިދުމަތް ދޭން ފެށި އެވެ. މާފަންނުގައި އަދި ގަލޮޅުގަ އެވެ. މިއަދު ނިއުމަތަކީ ގަލޮޅު ކަޅުތުއްކަލާ މަގުގައި ހުޅުވާފައިވާ "މޯލްޑިވްސް ޓޭލާސް ފެކްޓްރީ"ގެ ސުޕަވައިޒަރެވެ. ކުރާ މައިގަނޑު މަސައްކަތަކީ އެތަނުގެ މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުމެވެ. އަދި އޯޑަރު ނަގައި މުވައްޒިފުން ލައްވައި ގަޑިއަށް މަސައްކަތް ނިންމުމެވެ.
"ތިން އަހަރު ވެއްޖެ މި ފެކްޓަރީ ވަރަށް ކާމިޔާބު ކަމާއެކީ ހިންގޭތާ. މިތާ ތިބޭނީ ބޭރު މުވައްޒަފުން ފެހުންތެރިންގެ ގޮތުގައި. އެއީ ފިލިޕީންސް، ނޭޕާލް، އިންޑިއާ ، ލަންކާ އަދި ބަންގްލަދޭޝް މީހުން. އާންމުކޮށް މިފަހައި ދެނީ މެޑިކަލް، ވިލާ ކޮލެޖް، ޕޮލިސް، ކަސްޓަމްސް، އަދި ސްކުލްތަކުން ލިބޭ އޯޑަރުތަކެއް. އޭގެ އިތުރުން ޕާޓީ އެއްޗެހި ވެސް ފަހައިދެން. އަދި އަންހެން ކުދިންގެ ހެދުން ވެސް ފަހައިދެން. އަދި މިހާތަނަށް އެއްވެސް ޝަކުވާއެއް ނާދޭ. ފަހާ އެއްޗެއްސާ ދޭތެރޭ މީހުން ވަރަށް ހިތްހަމަޖެހޭ ކަމަށް ބުނޭ، ފެހުމުގެ އިތުރުން ބޮޑީ ސޫޓްސް ވެސް އަޅުގަނޑުމެން މިތަނުން ވިއްކަން،" އޭނާ ބުންޏެވެ.
ފިރިހެނުން މަސައްކަތްކުރާ ފަހާ ފެކްޓަރީއެއްގައި ނިއުމަތު ފަދަ ދިވެހި އަންހެނަކު ހުރުމަކީ، އަންހެން ކަސްޓަމަރުންނަށް ވެސް ހިތްހަމަޖެހުން ގެނުވަދޭ ކަމެކެވެ. އެއީ ފިރިހެނުންނަށް ނުޖައްސައި އަންހެން ކުދިންގެ ގައިން މިންނެގުމުގައި އޭނާ އަދާކުރާ ދައުރުގެ ސަބަބުންނެވެ. މިކަމަކީ އެހެން ފަހާ ތަންތަން ހިންގާ ބޭފުޅުން ނޯޓްކޮށްލުން މުހިންމު ނުކުތާއެކެވެ.
ފަހާ ފެކްޓަރީގައި އޭނާ އަދާކުރާ ވަޒީފާގެ ސަބަބުން ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބޭ ކަމަށް އޭނާ ބުންޏެވެ. އެއްކަމަކީ ތަފާތު މީހުންނާ ބައްދަލުވުމުން ލިބޭ ނަފްސާނީ ދުޅަހެޔޮކަމެވެ. ސިކުނޑިއަށް ލިބޭ ލުއިކަމެވެ. ދެވަނަކަމަކީ ދަރިންގެ ކުރިއެރުމަށް އޭނާއަށް ކުޑަ ނަމަވެސް އެހީއެއް ވެދެވޭތީ އެވެ. އަދި އޭނާގެ ތަޖުރިބާގެ އަލީގައި ވަރަށް އަމާން އޮމާންކޮށް ފެކްޓަރީގެ މަސައްކަތް ކުރިއަށް ގެންދެވޭތީ އެވެ.