ޑީޖޭ ޑޯލްގެ ރިމިކްސް ލަވަ "ކާންޓާ ލަގާ"އަކީ 2000ގެ އަހަރުތަކުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ލަވަ އެކެވެ. އެ ލަވައިގެ މިއުޒިކް ވީޑިއޯއިން ފެނިގެންދިޔަ އުމުރުން 19 އަހަރުގެ ޝެފާލީ ޖެރިވާލާ ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދި އެވެ.

މިދިޔަ ހަފްތާ ތެރޭގައި އިވިގެންދިޔަ ޝެފާލީގެ ކުއްލި މަރުގެ ހަބަރާއެކު އޭނާގެ އެންމެ ފާހަގަކޮށްލެވޭ ލަވަ "ކާންޓާ ލަގާ"ގެ ސީކުއަލްއެއް ހަދަން އުޅޭ ކަމަށް ވެސް އަޑުތައް އެރި އެވެ.

އެހެން ނަމަވެސް އެ މިއުޒިކް ވީޑިއޯގެ ޑައިރެކްޓަރުން ކަމަށްވާ ރަދިކާ ރާއޯއާއި ވިނޭ ސަޕްރޫ ވަނީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކުރި ބަޔާނެއްގައި އެމީހުން ބުނީ "ކާންޓާ ލަގާ ގާލް"އެއްގެ ގޮތުގައި އަބަދުވެސް ބޭނުންވަނީ ޝެފާލީ ކަމަށާއި އެހެން ކަމުން ޝެފާލީއާ ނުލާ ސީކުއަލްއެއް ނުހަދާނެ ކަމަށެވެ.

"ޝެފާލީ އަބަދުވެސް ބޭނުންވީ ކާންޓާ ލަގާ ގާލްގެ ގޮތުގައި ހުންނަން. އެހެންވެ ސީކުއަލްއެއް ނުއެއް ހަދަން. ނުވެސް ހަދާނަން. ކާންޓާ ލަގާ ރިޓަޔާ ކޮށްފި،" އެ ބަޔާނުގައިވެ އެވެ.

މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު އުމުރުން 42 އަހަރުގައި ޝެފާލީ މަރުވީ އޭނާގެ ގޭގައި އުޅެނިކޮށް ހާޓްއެޓޭކެއް ޖެހިގެންނެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.