ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކެމްޕެއިން ކުރެއްވި ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި އެ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ސިއްދީގު ވިދާޅުވީ ކެމްޕެއިނަކީ އަމަލުންނާއި އިޝާރާތުންނާއި ބަހުން އަދި މީހާ ލައިގެން ހުންނަ ހެދުމުގެ ކުލައިން ވެސް ކުރެވޭ އެއްޗެއް ކަމަށެވެ.

ސިއްދީގެ އެގޮތަށް މިއަދު ނަޝީދު ވޯޓުލާ މަރުކަޒަށް ރީދު ކުލައިގެ ގަމީހެއް ތުރުކުރުވައިގެން ދިއުމާ ގުޅިގެންނެވެ.

ސިއްދީގު ވިދާޅުވީ ނަޝީދު ކެމްޕެއިން ކުރެއްވިއިރު އިލެކްޝަން ކޮމިޝަން (އީސީ)އިން އެކަމާ އަޅާނުލައި ނުފެންނަކަމަށް ހެދިގެން ތިބީ ކަމަށެވެ.

އެއަށްފަހު ވިދާޅުވީ ރައީސް ސޯލިހު ވޯޓު ދެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވަކި ބަޔަކަށް ވޯޓު ދެއްވުމަށް އެދި ވަކި އަދަދަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި، ވިދާޅުވުމަކީ ކެމްޕެއިންގެ ކުރުމުގެ އަމަލެއް ކަމަށެވެ.

"ރައީސް ވޯޓު ދެއްވުމަށް ފަހު ނިކުމެ ވަޑައިގެން ނުސީދާ ކެމްޕެއިން ރައީސް ކުރެއްވި، އެ ބޭފުޅުން ބޭނުންވާ ކަންތައްތަކަށް ނިސްބަތް ކޮށް، ބޭނުންވާ ބަޔަކަށް ވަކި އަދަދަކުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބުނެ ރައްޔިތުންގެ ތެރޭގައި ވަކި ބަޔަކަށް ވޯޓުދޭން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި،" ސިއްދީގު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމުން ސިއްދީގު ވިދާޅުވީ، ނަޝީދު ވޯޓުލާ މަރުކަޒުތަކަށް ވަޑައިގަތީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށެވެ. އަދި ވިދާޅުވީ އަދި މާފަންނު މެދު ދާއިރާގެ ވޯޓު ފޮށި ކައިރީ ވެސް އެ ދާއިރާގެ މަޖިލިސް މެންބަރު ހަރަކާތްތެރިވެ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް އޭނާ ތުހުމަތު ކުރި އެވެ.