ޖަނަވާރުންގެ ލޮލުގެ ކަޅިއަކީ ބައެއްފަހަރު ބިރުވެރިކަން އަނެއް ބައިފަހަރު ހިތްހަމަޖެހުން ގެނެސް ދޭ އެއްޗެކެވެ.
ޖަނަވާރުންގެ ކަންކަން ބަލައި ދިރާސާކުރާ ފަރާތްތަކުން ވަނީ ޖަނަވާރުންގެ ލޮލުގެ ކަޅީގެ ގިނަ ކަންތައްތަކެއް ދެނެގަނެ ގިނަ ހަގީގަތްތަކެއް ހާމަކޮށްފަ އެވެ. އެ ގޮތުން ލޯ އުފެދިފައި ހުންނަ ދިމާ އާއި އަދި ކަޅި ހުންނަ ގޮތުން އެ ޖަނަވާރަކީ ޝިކާރާ ކުރާ ނުވަތަ ޝިކާރަކުރެވޭ ޖަނަވާރެއްކަން ހާމަވާ ކަމަށް ބުނެފައިވެ އެވެ. އަދި އެޖަނަވާރެއްގެ ކާނާ ވެސް ދެނެގަނެވިފައިވެ އެވެ.
ޝިކާރަކުރާ ޖަނަވާރުގެ ލޯ އާންމުކޮށް ހުންނަނީ ކުރިއަށް ނުކުމެފައި ކަމަށް ސައިންސްވެރިންނަށް ފާހަގަކުރެވިފައިވެ އެވެ. އެގޮތަށް ހުރުމަށް ބައިނޮކިއުލާ ވިޝަންގެ ނަމުން ނަންދެވިފައިވެ އެވެ. އޭގެ ބޭނުމަކީ ޝިކާރަކުރުމަށް ބޭނުންވާ ދުރުމިން ދެނެގަތުމެވެ.
ބުޅަލާއި، ބަކަމޫން، އަދި ހަރުފަ ހިމެނެނީ އޭތީގެ ބޮލުގެ ކުރިއަށް ވާގޮތަށް ލޯއުފެދިފައިވާ ޖަނަވާރުތަކުގެ ތެރޭގައި އެވެ. މިޖަނަވާރުންގެ ލޮލުގެ ކަޅީގައި ވެސް ސައިންސްވެރިންނަށް ތަފާތުތަކެއް ފާހަގަ ކުރެވިފައިވެ އެވެ. އެއީ ލޮލުގެ ކަޅި ސީދާ ރޮނގަކަށް ހުރުމެވެ. އޭގެ ސަބަބުން ދުރުން ޝިކާރަކުރުމަށް ފަސޭހަވެގެންދެ އެވެ.
އެ އާޚިލާފަށް ޝިކާރަކުރެވޭ ޖަނަވާރުންގެ ލޯ ބޮލުގެ ދެފަރާތުގައި އުފެދިފައިވެ އެވެ. އެއަށް މޮނޮކިއުލާ ވިޝަންގެ ނަމުން ނަން ދެވިފައިވެ އެވެ. އޭގެ ސަބަބުން އެފަދަ ޖަނަވާރަކަށް ދިމާވެދާނެ ނުރައްކާތަކަށް ހުށިޔާރުވެ، ރައްކާތެރިވެ ހުރުމަށް ފަސޭހަ ވާނެ ގޮތަށް ބޮޑު ސަރަހައްދެއް ފެނުމުގެ ކުޅަދާނަކަން ލިބިގެންދެ އެވެ.
މޮނޮކިއުލާ ވިޝަން ލިބިފައިވާ ޖަނަވާރުންގެ ތެރޭގައި ހިމެނެނީ އަސް، މުސަޅު، އަދި ފުއްލާފަދަ ޖަނަވާރުތަކެވެ. މިޖަނަވާރުންގެ ލޮލުގެ ކަޅިހުންނަނީ ޝިކާރަކުރާ ޖަނަވާރުންނާއި ތަފާތުކޮށް ހުރަސް ރޮނގަކަށެވެ. ބަކަރި ފަދަ ވިނަކާ ޖަނަވާރުން އިސްދަށަށް ޖަހައިގެން އޮންނައިރު އޭތީގެ ހުރަސް ރޮނގު ކަޅީގެ ސަބަބުން ވަށައިގެންވާ ބޮޑު ސަރަހައްދެއް ފެނުމުގެ ކުޅަދާނަކަން ލިބިގެންދެ އެވެ.
ވީމާ ސައިންސުން ހާމަވާ ގޮތުގައި ލޮލަކީ ޖަނަވާރުންގެ ބޭނުންތަކަށް ފުދޭނެ ގޮތަށް އެންމެ ފުރިހަމަ ނިޒާމެއްގެ މަތިން އުފައްދަވައިފައިވާ ގުނަވަނެކެވެ.