މި ސަރުކާރުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގު ކޮށްފި އެވެ.
މިގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކަ އާއި މިކަމާއިބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރިކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނު ދޮގެއް ކަމަށެވެ.
މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވެފައި މިވަނީ ދާދި ފަހުން ރައީސް މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، އަދާނީ ގުރޫޕްގެ ޗެއާމަން ގޯތަމް އަދާނީ އާ ބައްދަލުކުރެއްވި ކަމަށާއި، ހަނިމާދޫ އެއާޕޯޓް ވިއްކާލަން މަސައްކަތް ކުރަނީ އަދާނީ ގްރޫޕަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތުކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ހަނިމާދޫ އެއާޕޯޓް ނިމުމަކާ ހިސާބަށް ގޮސްފައިވަނީ އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް އެހީވެގެންނެވެ. އަދި މިއީ ދިވެހި ސަރުކާރުން ވިއްކާލަން ނިންމާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެކެވެ.
އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިޔަށް ގެންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.