ނެޓްފްލިކްސް އިން ހުކުރު ދުވަހު ސްޓްރީމް ކުރަން ފެށި އާ ޝޯ "އޯލް ދަ ޝާކްސް" ގެ ފުރަތަމަ އެޕިސޯޑް ފުވައްމުލަކުގެ މިޔަރުތަކަށް ހާއްސަކޮށްފި އެވެ.
ފުވައްމުލަކުގެ ކައިރިން ފެންނަ ޓައިގާ ޝާކު ތަކަކީ ދުނިޔެއަށް ބަލާއިރު ވެސް ޓައިގާ ޝާކްގެ އެންމެ ބޮޑު އާބާދީއެއް އޮތް ތަނަށް ފުވައްމުލައް ވާނެކަމަށް ސައިންސްވެރިން ބުނާއިރު، މިއީ ދުނިޔޭގެ ކަޅި ހުއްޓިފައިވާ ސަރަހައްދެކެވެ. އެގޮތުން މި ސަރަހައްދުން ޖުމްލަ 239 ޓައިގާ ޝާކު ވަނީ މިހާތަނަށް ފާހަގަ ކުރެވިފަ އެވެ.
މި ސަރަހައްދުގައި މި ބާވަތުގެ މިޔަރު އުޅެނީ ވަށައިގެން އެހެން ރަށެއް ނެތުމާއެކު އެ ސަރަހައްދުގައި ކަނޑުގެ އޮއި ހެޔޮވަރު ވުމުންނެވެ.
ނެޓްފްލިކްސް އިން އަލަށް ދައްކަން ފެށި މި ޝޯގެ ފުރަތަމަ އެޕިސޯޑް ރާއްޖެއަށް ހާއްސަކުރި އިރު، އިތުރު އެޕިސޯޑްތަކުގައި ޖަޕާން، ސައުތް އެފްރިކާ، އޮސްޓްރޭލިއާ، ބަހާމާސް، ގަލަޕޭގޯސް އައިލޭންޑްސް ގެ ކަނޑުއަޑީގެ މަންޒަރުތައް ވެސް ފެނިގެންދާނެ އެވެ.
ދެ މީހުންގެ ހަތަރު ޓީމަށް ބަހާލައިގެން ކުރިއަށް ދާ ޗެލެންޖެއް ދައްކުވައިދޭ މި ޝޯގައި ކޮންމެ ޓީމަކުން ފީނައިގެން އެކި ވައްތަރުގެ މިޔަރު ފޮޓޯ ނަގާނެ އެވެ. ސައިންސްވެރިންނާއި ކަނޑުގެ ދިރުންތަކަށް އެކި ރޮނގުތަކުން ހާއްސަ ތަޖުރިބާކާރުން ތިބޭ މި ޓީމުތަކަށް ދޭ މި ޗެލެންޖުން އެއްވަނައަށް އަންނަ ޓީމަކަށް އެ ޓީމުން ބޭނުންވާ ކަނޑުގެ ދިރުން ހިމާޔާތްކުރަން މަސައްކަތް ކުރާ ޗެރިޓީއަކަށް 50،000 ޑޮލަރު ހަދިޔާކުރުމުގެ ފުރުސަތު ލިބެ އެވެ.
ނެޓްފްލިކްސްގެ މި ޝޯ އަކީ އެކި ބާވަތުގެ މިޔަރު ގެނެސްދިނުމާއި މިޔަރާ ބެހޭ ލުއި މައުލޫމާތާއި ކަނޑުގެ ދިރުމާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމުގެ ބޭނުމުގައި ގެނެސްދޭ ޝޯ އެކެވެ.