ރައީސުލްޖުމްހޫރިއްޔާގެ ސްކޯލާޝިޕް ލިބޭ ދަރިވަރުންނާއި ހައި އެޗީވާސް ދަރިވަރުން ހިމެނޭހެން ރާއްޖޭގެ އެންމެ ތޫނުފިލި ދަރިވަރުންގެ ތެރެއިން ވަރަށް ގިނަ ދަރިވަރުން ކިޔަވަނީ އެކުދިންނާ އެކަށީގެންނުވާ ޔުނިވާސިޓީތަކުން ކަން އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) ގެ ދިރާސާއަކުން ދައްކައިފިއެވެ.
އިގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑް އަދި ޔުނިވާސިޓީ އޮފް ކެމްބްރިޖުގެ އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި 2022 އަދި 2023 ގައި ސްކޯލާޝިޕް ލިބިގެން ކިޔަވަންފެށި ދަރިވަރުންގެ ނަތީޖާއާއި އެކުދިން ކިޔަވާ ޔުނިވާސިޓީއާއި ޔުނިވާސިޓީ ރޭންކިން އާއި އެލީޓް ޔުނިވާސިޓީތަކުން އެފަދަ ދަރިވަރުންނަށް ހުރި ފުރުސަތުތައް ވަނީ ބަލާފަ އެވެ.
މި ގޮތުން ރައީސްގެ ސްކޯލާޝިޕް ލިބިގެން 2023 ވަނަ އަހަރު ކިޔަވަންފެށި ދަރިވަރުންގެ ތެރެއިން ޓޮޕް ޓެން ޔުނިވާސިޓީއެއްގައި ކިޔަވަނީ އެންމެ ދަރިވަރެކެވެ.
އެއް ދަރިވަރަކު ޕައިލެޓްކަން ކިޔަވާއިރު، ޔުނިވާސިޓީ ރޭންކިންގައި ގަދަ ދިހަޔަކާ ގަދަ ތިރީހާ ދެމެދުގެ ޔުނިވާސިޓީއަކުން ކިޔަވަނީ އެންމެ ހަތަރު ދަރިވަރުންނެވެ. އަދި ޔުނިވާސިޓީ ރޭންކިންގައި ގަދަ ސަތޭކާގައިވެސް ލައްވާނުލާ ޔުނިވާސިޓީތަކުން ހަތަރު ދަރިވަރަކު ދަނީ ތައުލީމު ހާސިލު ކުރަމުންނެވެ.
މީގެ އިތުރުން ބައެއް ދަރިވަރުން ކިޔަަވަނީވެސް އެކުދިންނާ އެކަށީގެންނުވާ ގައުމު ތަކުންކަމަށްވާއިރު، އެގޮތުން އިގިރޭސިވިލާތް ނަގާފައި، ރައީސްގެ ސްކޯލާޝިޕް ލިބޭ ދަރިވަރުންގެ އެންމެ މަގުބޫލު އެއް މަންޒިލަކީ މެލޭޝިއާ އެވެ.
ހައި އެޗީވާސް އެވޯޑުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެއްވެސް ދަރިވަރަކު ރޭންކިންގައި ގަދަ ވިހީގައި ހިމެނޭ އެއްވެސް ޔުނިވާސިޓީއަކުން ނުކިޔަވާއިރު، ގަދަ ފަންސާހުގައި ހިމެނޭ ޔުނިވާސިޓީއަކުން ކިޔަވަނީ އެންމެ ހަތް ދަރިވަރުންކަމަށާއި،ތިރީސް ނުވަ ދަރިވަރުން ކިޔަވަމުންދަނީ ގަދަ ސަތޭގައިގައި ލައްވާނުލާ ޔުނިވާސިޓީތަކުން ކަމަށް ވެސް މި ދިރާސާގައިވެ އެވެ.
މީގެ ތެރޭގައި ރޭންކިިންގައި ގަދަ ދުއިސައްތާގައި ލައްވާނުލާ ޔުނިވާސިޓީތަކުން ކިޔަވާ އެގާރަ ދަރިވަރަކާ ޔުނިވާސިޓީ ރޭންކިންއަށް އަރާވަރަށްވުރެ ފެންވަރު ދަށް ދެ ތަނެއްގައި ކިޔަވާ ދަރިވަރުންވެސް ހިމެނެ އެވެ.
އައިޖީއެސް ގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ މިހާރުގެ ޓްރެންޑަށް ބަލާއިރު، ދަރިވަރުންނަށް ކޯޗުކޮށްދިނުމުގެ އިތުރުން ސަރުކާރުގެ ޕޮލިސީ އަށް ވެސް ބައެއް ބަދަލުތައް ގެނައުން މުހިއްމުކަމަށާއި، މި ކަން ބަދަލު ކުރަން އޮކްސްބްރިޖް އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން އަޅުގަނޑުމެން ވަރަށް އަވަހަށް ޕްރޮގްރާމެއް ތައާރަފް ކުރާނެ ކަމަށެވެ.
"ތިން އަހަރަށް ބެލިނަމަވެސް ފެންނަނީ ދާދި އެއްކަހަލަ ޕެޓާން އެއް. އެއީ އެންމެ މޮޅެތި ކުދިން ފެންވަރުދަށް ޔުނިވާސިޓީތަކުން ކިޔެވުމުގެ ސަގާފަތެއް އުފެދިފައި އޮތްކަން. މި ކަން ބަދަލު ކުރަން އޮކްސްބްރިޖް އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން އަޅުގަނޑުމެން ވަރަށް އަވަހަށް ޕްރޮގްރާމެއް ތައާރަފް ކުރާނަން،" ރިފްއަތު ވިދާޅުވި އެވެ.
މީގެ އިތުރުންވެސް ރިފްއަތު ވިދާޅުވީ ރާއްޖޭގެ އެންމެ މޮޅެތި ދަރިވަރުން ފެންވަރު މަތީ ޔުނިވާސިޓީތަކުން ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަމަކީ ރާއްޖެއިން ބޭރުން ކިޔަވައިގެން އެއްވަނަ ހޯދާ ދަރިވަރުންނަށް އިނާމުދޭ އުސޫލު ބަދަލު ކުރުމާއި ސްކޯލާޝިޕް ލިބޭ ދަރިވަރުން ވަކި ފެންވަރެއްގެ ޔުނިވާސިޓީތަކުން ކިޔަވަން ޝަރުތު ކުރުން ކަމަށެވެ.