ދަރްމެންދްރާއާއި ހެމާ މާލިނީއަކީ ބޮލީވުޑްގެ ވެޓެރަން ޖޯޑުތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ޖޯޑެވެ. އެހެން ނަމަވެސް އެމީހުންގެ ކައިވެންޏާ ގުޅުވައިގެން ގިނަ ވާހަކަތަކެއް ދެކެވުނެވެ.
އޭގެ ތެރެއިން އެންމެ މަޝްހޫރުވި އެއް ވާހަކައަކީ ހެމާއާ ކައިވެނި ކުރުމަށްޓަކައި ދަރްމެންދްރާ ހިންދޫ ދީން ދޫކޮށް އިސްލާމް ދީން ގަބޫލުކުރި ވާހަކަ އެވެ.
ސަބަބަކީ އޭރު ދަރްމެންދްރާ އުޅުނީ އޭނާގެ ފުރަތަމަ އަންހެނުން ޕްރަކާޝް ކައުރްއާ ކައިވެނި ކޮށްގެން ކަމަށްވެފައި އެއްފަހަރާ އެކަކަށްވުރެ ގިނަ މީހުންނާ ކައިވެނި ކުރުމަކީ ހިންދޫ ދީނުގައި ހުއްދަ ކަމަކަށް ނުވާތީ އެވެ.
އެހެންވެ ޕްރަކާޝް ވަރި ނުކޮށް ހެމާއާ ކައިވެނި ކުރަން ދަރްމެންދްރާ އިސްލާމްވި ކަމަށް އޭރު މީޑިއާގައި ވެސް އަޑު ފެތުރުނެވެ. އެހެން ނަމަވެސް ދަރްމެންދްރާ އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.
އޭގެ އެތައް އަހަރެއް ފަހުން ދަރްމެންދްރާ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ދީން ބަދަލުކުރި ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ބުނެފަ އެވެ.
އެގޮތުން އޭނާއަކީ އެއްވެސް މީހަކަށްޓަކައި އޭނާގެ އަމިއްލަ ނަފްސު ބަދަލު ކުރާނެ މީހެއް ނޫން ކަމަށް ވެސް ދަރްމެންދްރާ އޭނާގެ ބައޮގްރަފީގައި ބުނެފައިވެ އެވެ.
ހެމާ މާލިނީ ވެސް ވަނީ ފަހުން އެ ވާހަކަތައް ދޮގުކޮށް އެމީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަމަކީ މީޑިއާއަށް އެނގެންޖެހޭ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
ދަރްމެންދްރާގެ ފުރަތަމަ ކައިވެންޏަށް ދެ ފިރިހެން ދަރިން ލިބުނުއިރު ހެމާއާއެކު ކުރި ދެވަނަ ކައިވެންޏަށް ލިބުނީ ދެ އަންހެން ދަރިންނެވެ.