އަނިޔާވެރި ޔަހޫދީ އިސްރާއީލާ ގުޅުންހުރި އެއްވެސް ކުންފުންޏަކާ އެ ކުންފުނިން އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އެމްއޭސީއެލް އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ހަވާ އަރުވާއަރުވަން އެމްއޭސީއެލްއިން ހަވާލުކޮށްފައިވާ ކުންފުންޏަކީ އަނިޔާވެރި އިސްރާއީލަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއްކަމަށްބުނެ، ރާއްޖެ ޓީވީން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެ ބަޔާނުގައި ވަނީ އެމްއޭސީއެލް އަކީ ސައްތައިން ސައްސައްތަ ދިވެހިން ކުންފުންޏަކަށްވެފައި، ދިވެހިންގެ ވިންދާ ނުގުޅޭ ޒާތުގެ އެއްވެސް އަމަލެއް އެ ކުންފުނިން ކޮށްފައިނުވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ އަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިސްރާއީލާ ގުޅުންހުރި އެއްވެސް ކުންފުންޏަކާ މި ކުންފުނިން އެއްވެސް މުއާމަލާތެއް ކޮށްފައެއްނުވާނެއެވެ. ވަކިން ޚާއްސަކޮށް، ރާއްޖެޓީވީއިން އެމްއޭސީއެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް މި ކުންފުނިން ކުރަމުން ނުގެންދާކަމުގެ ފުރިހަމަ ޔަގީންކަށް ތިޔަ އެންމެހައި ފަރާތްތަކަށް އަރުވަމެވެ،" އެ ބަޔާނުގައިވެ އެވެ.

ހަގީގަތާއި ޚިލާފު އެފަދަ ވާހަކަތަކަކީ އެއްވެސް އަސްލެއްނެތް، އަދި ކުންފުނީގެ އަގު ވައްޓާލުމަށްޓަކައި ދައުރުކުރަމުން ގެންދާ ވާހަކަތަކެއްކަމުން، އެ ކުންފުނިން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން، އެމްއޭސީއެލްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރޯށީގެ ބެލެނެވެރި ފަރާތަށް ވެފައި، އެމްއޭސީއެލްއާމެދު މިފަދަ ސާބިތުނުހިފޭ، ހަގީގަތާއި ހިލާފު އަދި ސްޓޭކްހޯލްޑަރުންގެ އިތުބާރުގެއްލޭ ފަދަ ވާހަކަތައް ރާއްޖެޓީވީން ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް މި ކުންފުނިން މިގެންދަނީ ބަލަމުންނެވެ،" އެ ބަޔާނުގައިވެ އެވެ.

ރާއްޖެ ޓީވީގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.