އާއްމުކޮށް ސައިބޯނި ގަންނައިރު، ގިނަ މީހުން ހިޔާރުކުރަނީ އެންޓިބެކްޓީރިއަލް ސައިބޯންޏެވެ. އެއީ އާދައިގެ ސައިބޯންޏަށް ވުރެ ޖަރާސީމު ނައްތާލަން އޭގެން ކުރާ އަސަރު ރަނގަޅުކަމަށް ހީވާތީ އެވެ.

އެހެންނަމަވެސް މިކަމާ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ގެ ހިޔާލު ތަފާތުއިރު، ބައެއް ދިރާސާތަކުން ވެސް ވަނީ އެންޓީބެކްޓީރިއަލް ސައިބޯނީގައި އެކުލެވޭ ބައެއް މާއްދާތަކުގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުތައް ކުރާކަމަށް ދައްކާފަ އެވެ.

މި ސަބަބާ ހުރެ އެފްޑީއޭ އިން ވަނީ މިބާވަތުގެ ސައިބޯނި އުފައްދަން ބޭނުންކުރާ 19 ކެމިކަލެއް މަނާކޮށްފަ އެވެ. މީގެ ތެރޭގައި ޖަރާސީމު އަވަހަށް މަރާލާ ކަމަށް ބުނެފައި ހުންނަ އެންޓީސެޕްޓިކް ސައިބޯނިތަކުގައި އެންމެ އާއްމުކޮށް ބޭނުންކުރާ ކެމިކަލް ކަމަށްވާ ޓްރިކްލޮސަން ވެސް ހިމެނެ އެވެ. މިކެމިކަލަކީ އޭގެ ސަބަބުން އިންސާނުންގެ ފުރާނައަށް އަދި ދިފާއީ ނިޒާމަށް ގެއްލުންލިބޭ އަދި ޖަނަވާރުތަކުގެ ހޯމޯން އަށް އަސަރުކުރުވާ ކެމިކަލެއްކަން ދިރާސާއަކުން ވަނީ ހާމަވެފަ އެވެ.

އާދައިގެ ސައިބޯނިން ލިބޭ ފައިދާ ބޮޑުވަނީ ކީއްވެ؟

އާދައިގެ ސައިބޯނި ބޭނުންކުރުމަކީ އެންޓިބެކްޓީރިއަލް ސައިބޯންޏަށް ވުރެ ސިއްހަތަށް ފައިދާ ހުރި ގޮތެކެވެ.

ސަބަބަކީ އެންޓިބެކްޓީރިއަލް ސައިބޯނީގައި އެކުލެވޭ ކެމިކަލް ތަކަށް ޖަރާސީމު އާދަވެ، އެންޓިބަޔޮޓިކް އަށް ނުގުޑާ ބާވަތުގެ ބެކްޓީރިއާއެއް އުފަންވުމުގެ ފުރުސަތު ބޮޑުވާތީ އެވެ. އަދި މިފަދަ ސައިބޯނިތަކުގެ ސަބަބުން ހޯމޯންތަކަށް ބުރޫއަރާ، އެލާޖިކްވާކަން ވެސް ވަނީ ފާހަގަވެފަ އެވެ.

މިސާލަކަށް ޓްރިކްލޮސަން އަކީ އާއްމުކޮށް އެންޓިބެކްޓީރިއަލް ސައިބޯނި ބޭނުންކުރާ މީހުންގެ ކުޑަކަމުދާތަކެއްޗާއި، ލެއިން ފެނިފައިވާ ކެމިކަލެކެވެ. އަދި ހަށިގަނޑުގެ ސެލްތަކުގެ މަސައްކަތްތަކަށް މި ކެމިކަލްގެ ސަބަބުން ބުރޫއަރާ، މަސްތަކުގެ މަސައްކަތްތަކަށް އަސަރުކުރުވާކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.

ބަދަލުގައި ބޭނުންކުރެވޭނީ ކޯއްޗެއް؟

ޖަރާސީމުން ސަލާމަތްވުމަށްޓަކައި ބޭނުންވާނީ ހަމައެކަނި އާދައިގެ ސައިބޯންޏާއި އަތްދޮންނަން ފެނެވެ. އެހެންނަމަވެސް އަތުން ޖަރާސީމު ސާފުވާ މިންވަރު ބިނާވެގެންވާނީ އެމީހަކު އަތް ދޮންނަނީ ކިހާ ވަގުތެއްގެ މައްޗަށެވެ.

ބޭރުގައި އުޅޭއިރު، ސައިބޯނި ލިބެން ނެތް ހާލަތްތަކުގައި ބޭނުންކުރުމަށް އެންޓިބެކްޓީރިއަލް ނައްތާލަން އެހީވާ، އަދި އަވަހަށް ޖަރާސީމް ސާފުކޮށްދޭ އެއްޗެއްކަމަށްވާ ސެނިޓައިޒަރު ފުޅިއެއް ގެންގުޅުން މުހިންމެވެ.