ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓްގެ ފައިސާއިން ވައްކަން ކުރުމުގެ ތުހުމަތުގައި އޭނާގެ ކުރީގެ އެސިސްޓަންޓް ވެދިކާ ޝެޓީ ހައްޔަރު ކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ވެދިކާ ހައްޔަރު ކޮށްފައިވަނީ އާލިއާގެ ޕާސަނަލް އެސިސްޓަންޓްއަކަށް ހުރެ އޭނާގެ ޕްރޮޑަކްޝަން ކުންފުންޏާއި އަމިއްލަ އެކައުންޓްތަކުން ވެސް ފައިސާ ނަގާފައިވާތީ އެވެ.

އެގޮތުން އެކި ފަހަރު މަތިން އާލިއާ ހިއްސާވާ އެކައުންޓްތަކުން 76 ލައްކައަށްވުރެ ގިނަ ރުޕީސް ވެދިކާ ނެގި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އުމުރުން 32 އަހަރުގެ ވެދިކާ މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ބެންގަލޫރުން ހައްޔަރު ކުރެވުނުއިރު ކޯޓުން ވަނީ މިއަދާ ހަމައަށްއޭނާ ބަންދުގައި ބަހައްޓަން އަމުރު ނެރެފަ އެވެ.

ވެދިކާ އާލިއާއަށް ވަޒީފާ އަދާކޮށްދިން ދުވަސްވަރު ފޭކް އިންވޮއިސްތަކެއް ހަދައި އޭގައި އާލިއާގެ ސޮއި ހޯދިކަން ވެސް މިހާރު ވަނީ ތަހުގީގަށް އެނގިފަ އެވެ.

މިކަމާ ބެހޭގޮތުން ފުލުހުން ބުނީ މަކަރާއި ހީލަތުގެ މައްސަލައެއްގައި އެކަކު ހައްޔަރުކޮށް އިތުރަން ކުރަންޖެހޭ ތަހުގީގުތައް ކުރަމުން އަންނަ ކަމަށެވެ.