ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތަކަށް އިސްލާހު ނުގެނެސް، ހަމައެކަނި އެ މީހަކަށް ލިބޭ އާ ގޯތީގެ މައުލޫމާތު ބަދަލު ކުރުމަށްފަހު ސޮއިކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ވަނީ ބިންވެެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް މިދިޔަ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ބިމާބެހޭ ގާނޫނުގެ މާއްދާއަކާ ހިލާފު ކަމަށެވެ. ނަމަވެސް ހަމައެކަނި ގުޅިފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތައް އިސްލާހު ގެނެސްގެން އެ މައްސަލަ ހައްލުވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އެ އިއުލާނުގައިވެއެވެ.
"ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެއިން ލިބުނު ގިނަ ގޯތިތައް ހަވާލު ކުރެވި އިމާރާތްކުރުމުގެ މަސައްކަތް ފެށިފައި ވުމާއެކު، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މި މިނިސްޓްރީން ނުދެކެމެވެ،" ހައުސިން މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.
އެ ނިންމުމާއެކު މެއި 30، 2025 ގައި ނެގި ގުރުއަތާ އެއްގޮތަށް ގޯތިތައް ހަވާލު ކުރުމުގެ ގޮތުން، ހަމައެކަނި ގޯތީގެ އާ ރެޖިސްޓްރީ ނަންބަރާއި، ގޯތި އޮތް ތަން ބަޔާން ކޮށްދިނުމަށް ހިމަނާ ކޯޑިނޭޓްސްގެ އިތުރުން ގޯތީގެ ނަންބަރު ބަދަލުކޮށް، މިދިޔަ ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެއްބަސްވުންތަކަށް ބަދަލުގެންނަން މީގެކުރިން ނިންމީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ގާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ ކަމަށް ހައުުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވަނީ ވިދާޅުވެފަ އެވެ.