ސަރުކާރުގެ ޕްރޮޖެކްޓުތައް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އަށް ދެނީ ގާބިލުކަމުންކަމަށް އެ ކުންފުނީގެ ޗެއާމަން، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މި ފަހުން ސަރުކާރުން އާރުސީސީއާ ގިނަ ޕްރޮޖެކްޓުތައް ހަވާލުކުރަނީ ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން "އަދަދު" ނޫހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އެއްވެސް ޕްރޮޖެކްޓެއް ހޯދަން ސިޔާސީ ގޮތުން އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށެވެ.

އާރުސީސީ އަކީ ސަރުކާރަށް މަސައްކަތްތައް ނިންމައިދޭ ސަރުކާރުގެ އިތުބާރު އޮތް ބައެއް ކަމަށާއި، މިހާތަނަށް ފެށި އެއްވެސް ޕްރޮޖެކްޓެއް ނުނިންމާ އޮތްކަމަށް ރިކޯޑްގައި ވެސް ނޯންނާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ މިހާތަނަށް ސަރުކާރަށް މަސައްކަތް ނިންމައިދޭ ފަރާތެއް. އިތުބާރު ސަރުކާރަށް އޮތް ބަޔެއް އަޅުގަނޑުމެންނަކީ. ދިވެހިރާއްޖޭގައި މިހާތަނަށް ފެށި އެއްވެސް ޕްރޮޖެކްޓެއް ނުނިންމާ ނެތް ބަޔެއްތާ އާރުސީސީއަކީ ރެކޯޑުގައި، އަވަހަށް ނިންމާ ބަޔެއް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ ލޯކަލް ކައުންސިލް އިމާރާތްތައް އަޅަން މެލޭޝިއާ ކުންފުންޏާ އެކީ ސޮއިކުރި އެއްބަސްވުމުގެ ދަށުން އަޅަން ޖެހޭ 55 ކައުންސިލު އިމާރާތުގެ ޕްރޮޖެކްޓު ލިބުނީ ވެސް މިފަދައިން ކަން ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. ނާޒިމް ވިދާޅުވީ އެ ޕްރޮޖެކްޓަށް ކުރިމަތިލީ ވެސް ލޯކަލް ގަވަމަންޓު މިނިސްޓްރީން އިއުލާނުކުރުމުން ކަމަށެވެ.

މިހާތަނަށް މި މަސައްކަތް އާރުސީސީއާ ހަވާލުކުރަން ނިންމާފައިވާ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައިނުވާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، މި މަސައްކަތް އާރުސީސީއާ ހަވާލުކޮށް، ޑޮލަރުން ފައިސާ ދޭ ގޮތަށް ސޮއިކުރަން ވެސް އަންގާފައިނުވާނެ ކަމަށެވެ.

"އާންމުކޮށް ގެޒެޓުކޮށްފައި އޮތް އިއުލާނެއް އޮންނާނެ. މި އިއުލާނަށް އަޅުގަނޑުމެން ވެސް ޕްރޮޕޯސަލް ހުށަހަޅައިގެން، ޕްރޮޕޯސަލް މިހާރު ދަނީ ކަމާބެހޭ ފަރާތުން ސަރުކާރުން ދިރާސާކުރަމުން. އަދި އަޅުގަނޑުމެންނަކަށް ވަކި އެއްޗެއް އަންގަވާފައެއް ނުއެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.

އާއްމު ބީލަމަކަށް ނުގޮސް އާރުސީސީ އަށް ގިނަ މަސައްކަތްތައް ހަވާލުކުރި އިރު، އާރުސީސީން މަސައްކަތް ކުރަމުން އަންނަ ޕްރޮޖެކްޓުތަކުގެ ތެރޭގައި އަރަބިއްޔާ ސްކޫލު އިމާރާތުގެ މަސައްކަތާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ހުޅުމާލޭގައި ޖާހުއިން މަސައްކަތް ކުރަމުން އައި ޖާހު ގާޑަންސް އެޕާޓްމަންޓުތަކުގެ މަސައްކަތް ހިމެނެ އެވެ.