ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ކައިރީގައި ދިވެހި ރުކުގެ ބަދަލުގައި ކަދުރު ރުއް ޖެހުމާ ގުޅޭ ގުޅިގެން އާއްމުންގެ ތެރޭގައި ހޫނު ބަހުސެއް އުފެދިފައިވަނިކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަހުމަދުގެ ޝުއޫރު ފާޅުކުރައްވައިފި އެވެ.
މި ބަހުސާ ގުޅިގެން ފަޒްނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަދުރު ރުއްޖަހަނީ ، ދިވެހި ރުއްޖަހައިފިނަމަ ކާއްޓަކުން ޖެހިދާނެތީ ކަމަށާއި ސާފުކުރަން ފަސޭހަވާނެތީ ކަމަށް ލިޔެފައިވާތީ ފެނުން ކަމަށެވެ.
"އަޅުގަނޑުގެ ހިތަށްއެެރި އެވެ. ކާއްޓަކުން ޖެހި މިރާއްޖޭގައި އަނިޔާވީ ކިތައްމީހުނަށްބާ އެވެ. އަދި ސާފުކުރަން ފަސޭހަ ކޮށްލަން ޕްލާސްޓިކް ގަސް ޖަހާލިނަމަ އަދިމާ ފަސޭހަ ވާނެނޫންބާ އެވެ." ފަޒްނާގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.
ފަޒްނާ ވިދާޅުވީ މައްސަލައަކީ ހަމައެކަނި ކަދުރާއި ކާށި ރުއް ނޫންކަމަށާއި، ހަގީގަތުގައި މައްސަލައަކީ ރޭވުންތެެރިކަން ނެތި، ކަންނެތްކަން އިންތިހާއަށް ބޮޑުވުން ކަމަށެވެ. އަދި މަސައްކަތެއްނުކޮށް މުސާރަ ބޭނުންވުމާއި، ކުރެވޭ ކަމަކާ ހާސިލްކުރަން ބޭނުންވާ ނަތީޖާއާ މެދު ވިސްނަން ބޭނުން ނުވުން ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
މެޑަމް ފަޒްނާ ވިދާޅުވީ އެހެންނޫންނަމަ ކުރާ ކޮންމެ ކަމެއް ތަސައްވުރާ އެއްގޮތްކުރަން މަސައްކަތް ކުރާތަން ފެންނާނެކަމަށާއި، ދިވެހި ވަންތަކަށް ކުރިއަރުވަން ބޭނުންވާނަމަ މައި ދޮރާށިން އެތެރެއަށް ވަންނައިރު ދިވެހި ވަންތަ ސިފަތައް ފެންނަން ހުންނާނެކަމަށާއި، އެތަނުގައި ހުންނާނީ ދިވެހި ގަސްގަހާގެހި ކަމަށެވެ.
މި މައްސަލާގައި ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް އުފެދިފައިވާއިރު، އާ ޓާމިނަލްގެ ކުރިމަތީގައި ކަދުރު ރުއް އިންދަން ފެށުމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފުރަތަމަ ފެންނަ މަންޒަރުން ދިވެހިވަންތަކަން ގެއްލޭ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، އަނެއް ބަޔަކު ދެކޭގޮތުގައި ކަދުރު ރުއް އިންދީ ދިވެހި ރުކަކީ ސާފު ކުރަން ޖެހޭ އެއްޗަކަށްވެފައި، އޭގެން ވެއްޓޭ ކާއްޓަކުން މީހަކަށް އަނިޔާއެއް ވެދާނެތީ އެވެ.
މީގެ ކުރިން ރައީސް ސާލިހުގެ ވެރިކަމުގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި އެ ގަސްތައް އިންދުމުން، އެއީ މާހައުލާ ނުގުޅޭ ގަސްތަކެއް ކަމަށް އޭރުވެސް ވަނީ މީހުންގެ ތެރޭގައި ބަހުސްކޮށްފަ އެވެ.