ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންތައް ހެދުމަށް ގަބުރުސްތާނުތައް ނެގުން ހުއްދަ ނުވާނެ ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފި އެވެ.
މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމުގެ ހުކުމާ ގުޅޭ ގޮތުން އެ މަޖިލީހުން މިއަދު ނެރުނު ފަތުވާއެއްގައި ބުނީ އިންސާނުންނަކީ މާތް الله މަތިވެރި ކުރެއްވި ބައެއް ކަމަށާއި އިންސާނާ މަރުވެ ދިޔުމުން ވެސް އެ މަތިވެރިކަން ގެއްލިގެން ނުދާ ކަމަށެވެ.
އިންސާނާ މަރުވުމުން ވެސް ގަބުރަށް އިހުތިރާމު ކުރުމަށް ދީނުގައި އަންގަވާފައިވާ ކަން ފާހަގަކުރަމުން އެ ފަތުވާގައި ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގައި އެހެން ތަނަކަށް ބަދަލު ކުރުމުން ވަޅުލެވިފައިވާ މީހުންގެ ހުރުމަތް ކެނޑޭ ކަމަށާއި، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންތައް ހެދުމަށް ގަބުރަށް އުނދަގޫ ކުރުމާއި ގަބުރުގެ ހުރުމަތް ކެނޑުން ހުއްދަ ނުވާނެ ކަމަށެވެ.
"މިއީ އިސްލާމީ ޝަރީއަތުގައި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށް ވާއިރު، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވައިލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ އެވެ." ފަތުވާގައި ވެ އެވެ.
ފަތުވާ މަޖިލީހުން މިފަދައިން ފަތުވާ ނެރެފައިމިވަނީ މާފަންނު ސަހަރާގެ ބޮޑު ބައިގައި ޕާކަކާއި ބާސްކެޓު ކޯޓެއް އަޅަން ނިންމައި އެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ފެށި މި މަސައްކަތަށް މާފަންނު ސަހަރާގެ 36،153 އަކަފޫޓުގެ ސަރަހައްދު ހުސްކުރަން ސިޓީ ކައުންސިލުން ނިންމީ އޯގަސްޓު 27، 2019 ގަ އެވެ.