ޖާގަ ހޯދަން އެންމެ އުނދަގޫ ޔުނިވާސިޓީތަކުން ރާއްޖޭގެ ދަރިވަރުންނަށް ޖާގަ ހޯދައި ދިނުމަށް އައިޖީއެސް އިން އެލީޓް ޔުނިވާސިޓީ އެޑްމިޝަން ސާވިސް ތައާރަފް ކުރަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ މޮޅެތި ދަރިވަރުންގެ ތެރެއިން ވަރަށް ގިނަ ދަރިވަރުން އެކުދިންނާ ނުގުޅޭ ފެންވަރުދަށް ޔުނިވާސިޓީ ތަކުން ކިޔަވާތީ އެކުދިންނަށް އެހީވުމުގެ ގޮތުން މި ހިދުމަތް ތައާރަފްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

މިކަމާ ގުޅޭ ގޮތުން އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް އިން ބުނީ، މި ހިދުމަތް ތައާރަފް ކުރާއިރު ފުރަތަމަ އިސްކަންދޭނީ އިގިރޭސިވިލާތުގެ ޔުނިވާސިޓީ ތަކުގެ ތެރެއިން ޖާގަ ހޯދަން އެންމެ އުދަގޫ ޔުނިވާސިޓީތަކުން ރާއްޖޭގެ ދަރިވަރުންނަށް ޖާގަ ހޯދައި ދިނުމަށް ކަމަށާއި، އެ ގޮތުން ޔުނިވާސިޓީ އޮފް އޮކްސްފޯޑް، ޔުނިވާސިޓީ އޮފް ކެމްބްރިޖް، އިމްޕީރިއަލް ކޮލެޖް، ޔުނިވާސިޓީ ކޮލެޖް ލަންޑަން، ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައެންސް ގެ އިތުރުން ރަސެލް ގްރޫޕްގެ އެހެން ޔުނިވާސިޓީތައް ހިމެނެނޭނެ ކަމަށެވެ.

މިއީ އިގިރޭސިވިލާތުގެ އޮކްސްފޯޑް ޓިއުޓާސް އާ ގުޅިގެން ތައާރަފްކުރާ ހިދުމަތެެއްކަން ފާހަގަކުރަމުން އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް އިން ބުނީ އޮކްސްފޯޑް ޓިއުޓާސް އަކީ ޖާގަ ހޯދަން އެންމެ އުނދަގޫ ޔުނިވާސިޓީތަކުން ޖާގަ ހޯދުމަށް ދަރިވަރުން ތަމްރީނު ކުރުމުގައި އެންމެ ކާމިޔާބު އެއްފަރާތް ކަމަށާއި، މިދިޔަ އަހަރު އެތަނުން ތަމްރީނުކުރި ދަރިވަރުންގެ ތެރެއިން 63 ޕަސެންޓް ދަރިވަރުންނަށް އޮކްސްފޯޑް ނުވަތަ ކެމްބްރިޖް ޔުނިވާސިޓީ އިން ކިޔެވުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

އައިޖީއެސް ގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ މިއީ ހޭލުންތެރިކަން އިތުރުކޮށް ދަރިވަރުންނަށް ހައްގު ތައުލީމަށް ހިތްވަރުދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

"އަޅުގަނޑުމެން ދެކެން ބޭނުންވަނީ ހައި އެޗީވާސް ދަށްވެގެން ގަދަ ސަތޭކައިގެ ޔުނިވާސިޓީ އަކުން ކިޔަވާ ދުވަސް. އަދި ރައީސް ގެ ސްކޯލާޝިޕް ލިބޭ ދަރިވަރުން ގަދަ ފަންސާހުގެ ޔުނިވާސިޓީ އަކުން ކިޔެވުން. މިއީ ރައީސްގެ ސްކޯލާޝިޕްގެ ޝަރަފް ހިފެހެއްޓުމަށްޓަކާ ވެސް ބޭނުންތެރިކަމެއް“ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވި އެވެ.

މި ހިދުމަތް ތައާރަފް ކުރުމުގެ ގޮތުން ގްރޭޑް އަށަކުން މަތީގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހާއްސަކޮށް އޮކްސްފޯޑް ޓިއުޓާސް އިން ވެބިނާ އެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޖުލައި 14 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 8 ޖަހާއިރު ބާއްވާ މި ވެބިނާގައި ބަރިވެރިވުމަށް އައިޖީއެސް ގެ ވެބްސައިޓް، ފޭސްބުކް އަދި އޮކްސްފޯޑް ޓިއުޓާސް ވެބްސައިޓުން ރަޖިސްޓްރީ ކުރެވޭނެކަމަށް އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސްއިން ބުނެ އެވެ.