ހއ.ވަށަފަރު ސްކޫލުގެ ކްލާސްރޫމެއްގައި ސީލިންގުގެ ބައެއް ވެއްޓި ދެ ދަރިވަރަކަށް އަނިޔާވެއްޖެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި ހާދިސާ ހިނގީ މިއަދު ހެނދުނު ކަމަށާއި، ހާދިސާގައި ދެ ކުއްޖަކަށް އަނިޔާވެގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.
އޭގެ ތެރެއިން އެއް ކުއްޖެއްގެ ކޮނޑުހުޅަށް ތަދުވާތީ އިތުރު ފަރުވާއަށް ހއ. ދިއްދޫ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މިހާރު އެ ދަރިވަރު ވެސް ގެއަށް ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިހާދިސާގައި އަނިޔާވެފައިވަނީ ގްރޭޑް 9 ގެ ދެ ދަރިވަރުންނަށެވެ.
މިނިސްޓްރީން ބުނީ ސީލިންގު ވެއްޓުނު އިމާރާތަކީ އެ ސްކޫލްގައި އެންމެ ފަހުން އިމާރާތްކޮށް ބޭނުންކުރަން ފެށި ތަން ކަމަށާއި، 2020 ވަނަ އަހަރު ބޭނުން ކުރަން ފެށި އެ އިމާރާތުގެ ސީލިންގުގައި މައްސަލަތަކެއް އުޅޭކަން ފާހަގަވެގެން އެކަން މިނިސްޓްރީއަށް ހުށަހެޅި ކަމަށެވެ.
މިނިސްޓްރީން ބުނީ މި ހާދިސާ ހިނގީ މަރާމާތު ކުރުމަށް އެއްޗެހިވެސް ގެންގޮސްފައި ހުއްޓާ ކަމަށެވެ.