ވެރިކަންކުރާ އެމްޑީޕީ އުފެދުނު ފަހުން ފުރަތަމަ ފަހަރަށް ވަނީ މާލޭގެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ގެއްލިފައި. އަދި އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް މީގެ ކުރިން ކޮންޓްރޯލްކުރި ޕާޓީއަށް ފަސް ގޮނޑިއެއް ގެއްލުނު. އޭގެ އިތުރުން ބޮޑެތި ގިނަ އަތޮޅުތަކެއްގެ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ގޮނޑިތައް ޕީޕީއެމް އިން ވަނީ ކާމިޔާބުކޮށްފައި.

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ ބޮޑު ބައްޔަކަކުން ބަލިކޮށް އިދިކޮޅު ޕީޕީއެމްއިން މުޅި ރާއްޖެއިން 68 ޕަސަންޓް ކާމިޔާބުކޮށްފި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސިޓީތަކުން މިފަހަރު ނާކާމިޔާބާ ކުރިމަތިލާން ޖެހުމުން އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ސޯޝަލް މީޑިއާގައި ހަރަކާތްތަށް މިހާރު ވަނީ މަޑުޖެހިފަ އެވެ.

ވަކިން ހާއްސަކޮށް މާލޭ ސިޓީއިން ނާކާމިޔާބާ ކުރިމަތިލާން ޖެހުމުން އެމްޑީޕީގެ އިސްވެރިން ތިބީ މާޔޫސްވެފަ އެވެ.

މިއީ އެމްޑީޕީ އުފެދުނު ފަހުން ވެސް މާލޭގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރި އަނަސް އަބްދުއް ސައްތާރުއަށް ކެމްޕެއިން ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފަ އެވެ. އަނަސްގެ އިގިލި ކުރީގައި ހިފައިގެން ގޮސް ގޭގެއަށް ގޮސް ވޯޓު ދިނުމަށް އެދުމުން ވެސް މާލޭ ރައްޔިތުން ވަނީ ޕީޕީއެމް ކެންޑިޑޭޓް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒުއަށް ވޯޓުދީ އަނަސްއަށް ނޫނުކޭ ބުނެފަ އެވެ.

އެމްޑީޕީގެ ބޮޑު ބިޔަ މެޖޯރިޓީ އޮންނަ އައްޑޫ ސިޓީއިން މި އިންތިހާބުގައި ލިބިގެން ދިޔައީ ހީކުރި ވަރަށް ވުރެ ދަށް ތާއީދެކެވެ.