ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނީގެ ހުކުމުގެ މެސެޖް އޭނާ ބެއްލެވި ނަމަވެސް އެއީ ހުކުމެއްކަން އޭރު އެނގިވަޑައިނުގަންނަވާ ކަމަށް އޭނާގެ ވަކީލް ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މެމްބަރު ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކުން އިން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން މިދިިޔަ އަހަރުގެ އޮކްޓޫބަރު މަހު ސ. ހިތަދޫ ކޯޓުން ހުކުމް ކުރުމުން އެ ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ. އެ މައްސަލަ ހުށަހެޅީ ޣާލިބް ސަލީމް ކިޔާ އާންމުންގެ މީހެކެވެ.
މީގެކުރިން ބޭއްވި އަޑުއެހުމުގައި ސިނާންގެ ފަރާތުން ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކެވި އޮތީ ހުކުމްކުރިކަން އޭނާއަށް އެނގިފައި ނެތުމުން ކަމަށެވެ. ނަމަވެސް ޣާލިބްގެ ސަލީމްގެ ވަކީލް އިބްރާހިމް ޝިޔާމް ވިދާޅުވީ ހުކުމް ކުރިތާ އެއް ދުވަސް ހިތަދޫ ކޯޓުން ސިނާނަށް ވައިބާ މެދުވެރިކޮށް އެ ހުކުމް ފޮނުވި ކަމަށާއި އަދި އެ މެސެޖް ސިނާނަށް ލިބިވަޑައިގަތް ކަމަށް އޭނާ ޖަވާބު ވެސް ދެއްވި ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ސިނާންގެ ވަކީލް މޫސާ އާލިމް ވިދާޅުވީ ހިތަދޫ ކޯޓުން ގުޅުމަށްފަހު ވައިބާ މެސެޖެއް އޮންނާނެ ކަމަށާއި އެ މެސެޖް ލިބުނުކަން ޔަގީންކޮށް ދިނުމަށް އެދުމުން އެކަން ސިނާން ކުރެއްވި ކަމަށެވެ. ނަމަވެސް އެ މެސެޖްގައި އޮތީ ހުކުމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އަދި އެ ހުކުމް އޭނާ ނުބައްލަވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުކުމުގައި ބުނާ ކޮންމެ މަހެއްގެ ތެރޭގައި ފައިސާ ނުދެއްކި ނަމަވެސް ކޯޓުން ދިން ޖުމްލަ ހަ މަސް ދުވަހުގެ ތެރޭގައި ހުރިހާ ފައިސާއެއް ދައްކާފައިވާ ކަމަށެވެ. އެހެންވެ, ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދެއްކީ ކަމަށް ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޣާލިބްގެ ވަކީލުން ވިދާޅުވީ ހުކުމުގައި ބުނާ ހަ މަސް ތެރެއިން އެންމެ މަހެއްގެ ފައިސާ ވެސް ނުދައްކައިފިނަމަ ހުކުމާ އެއްގޮތަށް ނުދެއްކީ ކަމަށް ބެލެވޭނެ ކަމަށެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަަހު ވަރަށް އަވަހަށް މައްސަލާގެ ހުކުމް އިއްވަން މަސައްކަތް ކުރާނެ ކަމަށް ފަސް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.