މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން ޖެހޭކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫޒް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނު" ގެ ބިލަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ ޑޮލަރުގެ އަގު ހުވަފެނަކުން ނުދެކޭހާ މައްޗަށް އަރައިފި ކަމަށާއި، އަދިވެސް ޑޮލަރުގެ ރޭޓް ދަނީ މައްޗަށް ކަމަށެވެ.

އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން މައުރޫފް ވިދާޅުވީ ބޮޑެތި ވިޔަފާރިތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވެސް ހަދާނެ ގޮތް ހުސްވެ މާޔޫސްވެފައިވާ ކަމަށެވެ.

ގައުމުގެ މާލީ ހާލަތު މިހާހިސާބަށް ދާއިރު ގަވަރުނަރު މުނައްވަރު އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށާއި، މި ފެންނަނީ އެމްއެމްއޭގެ ގަވަރުނަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އެ ބޭފުޅާ މަގާމުން ވަކިކުރަން ޖެހޭ ހާލަތަށް ދާތަން ކަމަށް މައުރޫފް ވިދާޅުވި އެވެ.

"މި ފެންނަނީ މާލީ ސިޔާސަތު ގޯސްވެ އެމްއެމްއޭގެ ގަވަރުނަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އެ ބޭފުޅާ މަގާމުން ވަކިކުރަން ޖެހޭ ހާލަތަށް ދާތަން. މިއަދުގެ މިހާލަތަށް ގައުމުގެ މާލީ ހާލަތު ދާއިރު ބަހެއް ވިދާޅު ނުވެ އެ ހުންނަވަނީ. ކިހިނަކުންތޯ ޒިންމާ އަދާކުރެވޭނީ؟،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ މުނައްވަރަކީ ގާނޫނުގެ ތެރެއިން މަނިޓަރީ ޕޮލިސީ، މަނިޓަރީ ސިޔާސަތު ކަނޑައަޅައި އެ ސިޔާސަތު ރެގިއުލޭޓް ކުރަން ހުންނަ ފަރާތް ނަމަވެސް މިފަދަ ހައްސާސް ދަނޑިވަޅެއްގައި ވެސް "ހޭވެސް އަރުވާނުލާ" އުޅުއްވާކަމަށެވެ.

މައުރޫފް ގެ އިތުރުން މަޖިލީހުގެ އެހެން މެންބަރުން ވެސް ވަނީ ޑޮލަރުގެ މައްސަލައިގައި އަދި ގައުމުގެ އިގްތިސާދާ ބެހޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރު ހަނު ހުންނަވާތީ އެކަމާ ގުޅޭގޮތުން ނުރުހުން ފާޅުކުރައްވާފަ އެވެ.