ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ އާ ޓާމިނަލްގެ ކްރެޑިޓް ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށާއި، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަށް މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ސިލްސިލާކޮށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ މިހާރު ހުޅުވަން ތައްޔާރުވަމުންދާ ޓާމިނަލްގެ މަޝްރޫއު ފެއްޓެވީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި، ރައީސް ސޯލިހުގެ ވެރިކަމުގައި ވެސް އެ މަޝްރޫއުގެ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވާފަ އެވެ. އަދި ބާކީ ހުރި ހުރިހާ މަސައްކަތެއް ކުރީ މި ސަރުކާރުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއީ ކޮންމެ ވެރިއަކު، މިވެނި ވަރަކަށް ތިމަންނަ މި މަޝްރޫޢުގެ މަސައްކަތް ކުރީމޭ ވިދާޅުވެ ކްރެޑިޓްނަގަންޖެހޭ ސަބަބެއް ނޫންކަމަށާއި އެއީ ކުޑަކުދިން އުޅޭ ގޮތްކަމަށާއި، އެހެން ނޫޅުމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
"މިހާރުގެ މި އެއާޕޯޓުގެ ޓާމިނަލުގެ މަސައްކަތް ރައީސް ޔާމީންގެ ވެރިކަމުގައި ފެށުނީ. ދެން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އިތުރު މަސައްކަތްތަކެއް ކުރެވިފައި އެހެރީ. ދެން އަޅުގަނޑުމެންނާ ހަވާލުވެގެން ދެން ބާކީ ހުރި ހުރިހާ މަސައްކަތެއް މި ނިންމީ. ގާތްގަނޑަކަށް ދޮޅު އަހަރު ތެރޭ. ދެން އެ ފެކްޓްސްތައް ބަލާ ކޮންމެ މީހަކަށް ފެންނާނެތާ ދެން ކޮން މަސައްކަތެއް ކޮން ވެރިކަމެއްގައި ކިހާވަރަކަށް ކަން ކުރެވުނީ. ދެން މިކަމުގައި ނުޖެހޭނޫންތޯ ކޮންމެ މީހަކު ތިމަންނައޭ ހުރިހާކަމެއް ކުރީ، ތިމަންނައޭ ގިނަ މަސައްކަތެއް ކުރީ ކިޔާކަށް. އެއީ ކުޑަކުދިން އުޅޭގޮތް، އެހެން އުޅޭކަށް ނުވާނެ" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އާ ޓާމިނަލާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވީ އިންތިހާބު ކާމިޔާބުކުރައްވައި، ޓްރާންސިޝަން މަރުހަލާގައި އެންމެ ފުރަތަމަ ވަޑައިގެން ބައްލަވާލެއްވީ އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ކުރިއަށްދާ ގޮތް ކަމަށާއި، ލިބިވަޑައިގެން ހުންނެވި އިލްމުގެ ބެކްގްރައުންޑުން އެތަން ބެއްލެވިއިރު އެތަނުގެ މަސައްކަތް ގޮސްފައިވާ ހިސާބު ވަރަށް ބޮޑަށް ސާފުވެވަޑައިގެންނެވިކަމަށެވެ.
އޭރު އިމާރާތުގެ އޮނިގަނޑު ނިމިފައި ހުރިނަމަވެސް މުހިންމު މަސައްކަތްތައް ނުނިމި އަދި ބައެއް މުހިންމު މަސައްކަތް ނުފަށާ އޮތްކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އޭރު ނިމިފައި އޮތީ ޓާމިނަލްގެ 54 ޕަސެންޓް ކަމަށެވެ.
"އެންމެ މުހިންމު އެއް ކަމަކީ ހެޑް އޮފް ސްޓޭންޑް. އެއަރޕޯޓްގެ ޓާމިނަލް ހަގީގަތުގައި އެއްވެސް ކަހަލަ ގޮތަކަށް ބޭނުން ހިފުމަށްޓަކައި ހަދަންޖެހޭ މަގެއް އެއީ. މައިބަދަ އެހެން ގޮތަކަށް ބުނާނަމަ. މައިބަދަ، ނެތް ބަޔަކާއި ހަވާލުކޮށްފައެއް. ހަދަންވެސް ނެތީ ހަވާލުކޮށްފަވެސް އެ މަގު ހަދާކަށް. މަގުވެސް އަޅުގަނޑުމެން ހަދަން ހަވާލުކުރީ ބަޔަކާއި. މިހާރު ނިމުމަކަށް އައިއްސަ އެއޮތީ. އެއީ އެއް މިސާލު. އެހެންވީމަ މި ޓާމިނަލް ޕްރޮޖެކްޓްގެ %54 ކަންނޭނގެ އެއިރު ނިމިފައި އޮތީ. އަޅުގަނޑުމެން ހަވާލުވިއިރުގައި. ޓާމިނަލް ނިމުނަކަސް ތަން ބޭނުމެއް ނުކުރެވޭ ހެޑް އޮފް ސްޓޭންޑް ނެތީވިއްޔަކާއެއް" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައި މި ވަނީ އާ ޓާމިނަލުގެ ކްރެޑިޓާ ގުޅޭ ގޮތުން ވަރުގަދަ ބަހުސްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މިގޮތުން މި މަސައްކަތް ފެށީ ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށްވާތީ ޔާމީނަށް އޭގެ ކްރެޑިޓް ދޭން ޖެހޭކަމަށް އެއްބަޔަކު ބުނަމުންދާއިރު، އަނެއްބަޔަކު ދެކޭ ގޮތުގައި މި މަސައްކަތް ކުރީ ސޯލިހުގެ ސަރުކާރުން ކަމަށްވާތީ ކްރެޑިޓް ދޭން ޖެހޭނީ ރައީސް ސޯލިހަށެވެ. އަދި މި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި މަސައްކަތް މި ސަރުކާރުން ނިންމީތީ އާޓާމިނަލުގެ ކްރެޑިޓް ދޭން ޖެހޭނީ ރައީސް މުއިއްޒަށެވެ.
ކަން މިހެން އޮތް އިރު ދާދި ފަހުން ޕީއެންއެފް ގެ ޖަލްސާއެއްގައި ރައީސް ޔާމީން ވެސް ވަނީ އާ ޓާމިނަލާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވި ގޮތުގައި، އާ ޓާމިނަލްގެ މަސައްކަތުގައި ރައީސް މުއިއްޒުގެ 10 ޕަސެންޓް ހިއްސާވެސް ނޯންނާނެ އެވެ.
ޔާމީން ވިދާޅުވީ، ޓާމިނަލް މަސައްކަތުގައި ޓާމިނަލް ޓެންޑާކުރުމާއި ބަޔަކާ ހަވާލުކުރުމާއި ދެން ފަހުން މަސައްކަތްކުރުމުގެ ބޮޑުބައި ކުރަން ޖެހުނީ ރައީސް ސާލިހުގެ ސަރުކާރަށް ކަމަށާއި، އާ ޓާމިނަލުގެ މަސައްކަތްތަކުގެ ތެރެއިން މި ސަރުކާރުން ކުރާ މަސައްކަތަށް ބަލާއިރު އޭގައި ރައީސް މުއިއްޒުގެ 10 ޕަސެންޓް ހިއްސާ ވެސް ނޯންނާނެ ކަމަށެވެ.
މިއާއެކު ކުރީގެ ސަރުކާރުން މި ޕްރޮޖެކްޓަށް 300 މިލިއަން ޑޮލަރު އިތުރުކުރެއްވި އިރު، އެ ފައިސާ ބޭނުންކުރީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކަމަށް ވެސް ރައީސް ޔާމީން ވަނީ ތުހުމަތުކުރައްވާފަ އެވެ.