އެކްސިޑެންޓްތައް އިތުރުވާތީ ފުލުހުންނާއި ޕީޖީ އޮފީހުގެ ކަމާބެހޭ ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިއްޖެ އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފުލުހުންނާއި ޕީޖީގެ ބޭފުޅުން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކުރަން އެދުނީ އެކްސިޑެންޓުތަކުގައި އިހުމާލުވާ ފަރާތްތަކަށް ގަނޫނީ ގޮތުން ދައުވާ ކުރުމުގައި ޕީޖީއަށް ދިމާވާ ގޮންޖެހުމަކީ ކޮބައިތޯ ބެލުމަށެވެ.

މާލެ ސަރަހައްދުގައި ދާދިފަހުން ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ކުއްޖަކު މަރުވެފަ އެވެ. އެ އެކްސިޑެންޓްގައި އަނިޔާވި އިތުރު މީހަކާއި ކުއްޖަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ހަ މަހު މާލެ ސަރަހައްދުގައި 1101 އެކްސިޑެންޓު ހިނގާފައިވެ އެވެ. މި އެކްސިޑެންޓުތަކުގައި 1،107 އުޅަނދަކަށް ގެއްލުންވެ 121 މީހަކަށް އަނިޔާވެފައިވެ އެވެ. އޭގެތެރެއިން 61 ޕަސެންޓް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.

އެކްސިޑެންޓްތައް ގިނަވަމުން އަންނައިރު، އެކަމުގައި އިހުމާލުވާ މީހުންނާ މެދު ދައުވާ ނުކުރެވި، އެފަދަ މީހުން މުޖުތަމައުއަށް ދޫވެ ކުށް ތަކުރާރުކުރާ ކަމުގެ ކަންބޮޑުވުން މެންބަރު ކުޑޫ ފާހަގަކުރައްވާފައިވެ އެވެ.