ސައޫދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސަށާއި ވެރިރަށް ރިޔާދުގައި ހުރި ތެޔޮ އުފައްދައި އުފުލާ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް، އިރާގާއި ޔަމަނުން ފޮނުވާލި ގިނަ އަދަދެއްގެ އަންމޭންޑް އޭރިއަލް ވެހިކަލް (ޑްރޯން) ތައް ސައޫދީގެ ވައިގެ ދިފާއީ ބާރުތަކުން ނައްތާލައިފި އެވެ.
ސައޫދީ ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުންނާއި ޔަމަނުގެ ޙޫޘީން އިސްވެ ދިން މި ހަމަލާތައް ވަނީ ކާމިޔާބުކަމާއެކު އިންޓަސެޕްޓްކޮށް، ވައިގެ ތެރެއަށް ވައްޓާލާފަ އެވެ.
މި ހަމަލާތަކާ ގުޅިގެން ސައޫދީ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި، އެ ގައުމުގެ ސިޔާދަތާއި މުހިންމު އިގްތިސާދީ ވަސީލަތްތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެ އެވެ. އަދި ގައުމުގެ ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށާއި، މިފަދަ އުދުވާނީ ހަމަލާތައް ފޮނުވާ ފަރާތްތަކަށް ރައްދު ދީ، އެ ފަރާތްތައް ހުއްޓުވުމުގެ ފުރިހަމަ ގާނޫނީ އިހްތިޔާރާއި ހައްގު ސައޫދީއަށް ލިބިގެންވާކަން ސަރުކާރުން ވަނީ ތަކުރާރުކޮށްފަ އެވެ. މީގެއިތުރުން އިރާގުގެ ފަސްގަނޑު ބޭނުންކޮށްގެން އެހެން ގައުމުތަކަށް ހަމަލާދިނުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅައިދިނުމަށް ސައޫދީން ވަނީ އިރާގު ސަރުކާރަށް ގޮވާލާފަ އެވެ.
ހަމައެއާއެކު ޔަމަނުގެ ޙޫޘީ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރިއާ ވަނީ، ސައޫދީގެ އިރުމަތީ ސަރަހައްދުން ފެށިގެން ރެޑް ސީ ބަނދަރުމަތީ ރަށެއްކަމަށްވާ ޔަންބޫއާ ހަމައަށް ތެޔޮ ފޯރުކޮށްދޭ މުހިންމު ސަރަހައްދުތަކަށް ޑްރޯން ހަމަލާތަކެއް ދީފައިވާނެ ކަމަށް ދައުވާކޮށްފަ އެވެ. ޙޫޘީން ބުނެފައި ވަނީ މި ހަމަލާއަކީ ސައޫދީން ޔަމަނުގެ ވައިގެ ސަރަހައްދާ ހިލާފުވަމުން ދާތީ ދިން ރައްދެއް ކަމަށެވެ. ނަމަވެސް މި ހަމަލާތަކުގެ ސަބަބުން ސައޫދީގެ ތެޔޮ އުފެއްދުމަށް ނުވަތަ އާންމު އޮޕަރޭޝަންތަކަށް އެއްވެސް ގެއްލުމެއް ލިބުނުކަމުގެ ތަފްސީލެއް ސައޫދީ ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
މި ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވެފައި މިވަނީ، ރަތްކަނޑުގައި ދަތުރުކުރާ ސައޫދީގެ ތެޔޮ އުފުލާ އުޅަންދުފަހަރަށް ޙޫޘީން ދެމުންދާ ހަމަލާތަކާ ގުޅިގެން ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން، ޔަމަނުގެ ހުދައިދާ ބަނދަރު ސަރަހައްދުގައި ހުރި ޙޫޘީންގެ އަސްކަރީ އަމާޒުތަކަށް ދާދިފަހުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ.
މެދުއިރުމަތީގައި އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، ސައޫދީގެ އުމްރާނީ އަދި ހަކަތައިގެ ވަސީލަތްތަކަށް ދެވޭ ހަމަލާތައް އިތުރުވުމަކީ ސަރަހައްދީ ސަލާމަތާއި ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމެކެވެ.
ހުއްދަ ނެތި ބޭސް އެތެރެކޮށްފިނަމަ ބޮޑު ޖޫރިމަނާއެއް
"ފްރެންޑްސް"ގެ ތަރި ލީސާއަށް ހޮލީވުޑް ވޯކް އޮފް ފޭމްގެ ތަރިއެއް!
އަމީނީ މަގުގެ ތާރުގެ ފެންވަރު ދެނެގަތުމަށްޓަކައި ސާވޭއެއް ކޮށްފި