ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ކިއާރާ އަދްވާނީ އާއި ސިދާރްތް މަލްހޯތްރާއަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.
ދެ މީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައި މިވަނީ ކިއާރާ ވިހާނެ ކަމަށް ބުނެފައިވާ ތާރީހަށް ވުރެ ކުރިންނެވެ. އޭނާ ވިހާނެކަމަށް ދީފައިވާ ޑިއު ޑޭޓަކީ އޮގަސްޓް މަހެވެ. ދެމައިންގެ ހާލުވެސް ރަނގަޅުކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދެ ތަރިންނަށް ދަރިއަކު ލިބެން އުޅޭ ކަން އިއުލާން ކުރީ މި އަހަރުގެ ފެބްރުއަރީ 28 ގަ އެވެ. އޭގެ ފަހުން ދެ ތަރިންވެސް އާއްމުންގެ ތެރެއިން ފެނިފައިވަނީ ވަރަށް މަދުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ދެ މަފިރިން ކްލިނިކަކަށް ވަދެފައި ނުކުންނަ މަންޒަރު ވަނީ ފެނިފަ އެވެ.
ކިއާރާ އެންމެ ފަހުން ރަސްމީކޮށް ފެނިގެން ގޮސްފައިވަނީ މެޓް ގާލާ އިންނެވެ. އޭނާގެ ބަނޑާއެކު އަޅާފައިވާ ރީތި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.
ސިދާރްތު އާއި ކިއާރާ ކައިވެނި ކުރީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ހުވަފެނީ ރީތި ހަފްލާއެއްގައި ކުރި އެ ކައިވެނި ބާއްވާފައިވަނި ރާޖެސްތާނުގަ އެވެ. މި ދެތަރިން ލޯބީގެ ގޮތުން ގުޅުނީ ދެ މީހުން އެކުގައި ކުޅުނު ފިލްމް ޝެރްޝާހް ގެ ސޫޓިންގެ ތެރެއިންނެވެ.