ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިންގ ދަސްކޮށްދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ގަރލްސް ޓު ކޯޑް މާލެ އެޑިޝަން ފަށައިފި އެވެ.

2019 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށްގެންގޮސް އަންހެން ޒުވާނުންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް އަޅައިދެވޭ މުހިންމު ބިންގަލަކަށެވެ. މި ގޮތުން، މި ޕްރޮގްރާމް ފުވައްމުލައް، ކުޅުދުއްފުށި، ތިނަދޫ، ލާމު އަތޮޅު އަދި ދިއްދޫގައި ވަނީ ތައާރަފްކޮށްފަ އެވެ.

އިންޓަރނޭޝަނަލް ގަރލްސް އިން އައިސީޓީ މަހާ ގުޅުވައިގެން މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވައިލުމާއެކު ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފަ އެވެ. މި ގޮތުން، މި އަހަރުގެ މި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް 15 ޖުލައިގައި ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތު އަދި އޮރިއެންޓޭޝަނުގައި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ 16 އަހަރާ 30 އަހަރާ ދެމެދުގެ އަންހެން ޒުވާނުން ވަނީ ބައިވެރިވެފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން، ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި މި ޕްރޮގްރާމުގެ ބައިވެރިން ވަރޗުއަލް އަދި ފިޒިކަލް ސެޝަންތައް މެދުވެރިކޮށް ވެބް ޑިވެލޮޕްމަންޓް އަދި ކޯޑިންގގެ ތަމްރީނުތައް ކުރިއަށްގެންދާނެ އެވެ.

"މި އަހަރުގެ ގަރލްސް ޓު ކޯޑް ޕްރޮގްރާމްގެ މަގުސަދަކީ ބައިވެރިންނަށް ކޯޑް ކުރަން ދަސްކޮށްދިނުމުގެ އިތުރުން، ޕްރޮގްރާމް ނިންމާ ކުދިންނަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، ކެރިއަރ ގައިޑެންސް ވޯކްޝޮޕްތައް ތައާރަފްކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން." ބިޝާރާ ހަމީދު، ދިރާގުގެ ސީނިއާ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ވިދާޅުވި އެވެ.

"ގާލްސް ޓު ކޯޑް އަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެން ޒުވާނުން ބާރުވެރިކޮށް، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރުގަދަކޮށް، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްދޭ ޕްރޮގްރާމެއް." ވިމެން އިން ޓެކް މޯލްޑިވްސްގެ ސެކްރެޓެރީ ޖެނެރަލް އާމިނަތު ޝިއުފާ ވިދާޅުވި އެވެ.

މިއީ، ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކޮށް ޝާމިލު ޑިޖިޓަލް އިގްތިސޯދެއް ބިނާކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.