ބޭރުފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު ބޭންކުތަކަށް ވަންނަ ޑޮލަރުގެ އަދަދު 21 ޕަސެންޓް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 364 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށް އެމްއެމްއޭއިން ބުންޏެވެ. މަރުކަޒީ ބޭންކުގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިއްކާ ޑޮލަރުގެ އަދަދު 50 އިންސައްތައަށް އިތުރުކުރުމެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި ބޭރުފައިސާގެ އާމްދަނީގެ ގޮތުގައި ރާއްޖޭގެ ބޭންކުތަކަށް ވަންނަ ޑޮލަރުގެ އަދަދު ފާއިތުވި ހަތަރު އަހަރުހުރީ 10 ޕަސެންޓްގައި ކަމަށެވެ. ނަމަވެސް، ބޭރުފައިސާގެ ގާނޫނާއެކު މި އަދަދު މިހާރު ވަނީ 21 ޕަސެންޓަށް އިތުރުވެފަ އެވެ.
ބޭރުފައިސާއިން ލިބޭ އާމްދަނީގެ ތެރެއިން އެމްއެމްއޭއަށް 90 ޕަސެންޓް ލިބެ އެވެ. ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށްޓަކައި އޭގެ 60 ޕަސެންޓް ބޭނުންކުރެ އެވެ. މިއަހަރު ވެސް ދަރަނި އަދާކުރުމަށް 174 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. މިއީ ފާއިތުވި އަހަރުގެ މިމުއްދަތުގައި ދަރަންޏަށް ދައްކާފައިވާ ވަރަށްވުރެ 51 ޕަސެންޓް އިތުރު އަދަދެއްކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރުން ފަދަ ކަންތައްތަކަށް ވެސް ޑޮލަރު އާމްދަނީން ހޭދަކުރެ އެވެ. އަދި ޑޮލަރު އާމްދަނީގެ 30 ޕަސެންޓް ބޭންކުތަކަށް ފޯރުކޮށްދޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ބޭރުފައިސާގެ ސިޔާސަތަށް އެކަށީގެންވާ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އަދި އެ ބަދަލުތަކުގެ ހަޤީޤީ މަންފާ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކާއިއެކު ފެންނަން ފަށާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.