ދުނިޔޭގެ ތާރީޚުގެ ފަތްފުށްތަކުން ފެންނަން އޮތް އެއް ހަގީގަތަކީ އިންސާނުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ދަރުމަވެރިން އަދާކޮށްފައިވާ މުހިންމު ރޯލެވެ. ދިރިހުރުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ އުންމީދު ގެއްލިފައި ތިބޭ މީހުންގެ އަތުގައި ހިފައި ކޮޅަށް ޖެހުމަށް އެމީހުން ކޮށްފައިވާ އަގުހުރި މަސައްކަތެވެ. މީހުންގެ ހީނަރުވެފައިވާ ދިރުއުޅުމަށް އަލުން ދިރުން ގެނެސްދިނުމަށް ސާފު ހިތަކައިގެން ކުރަމުންދާ ގިނަގުނަ މަސައްކަތެވެ. މިއީ ވެސް އެފަދަ ދަރުމަވެރިއެކެވެ.
އައިޝަތު ރިޝްތާ މުހައްމަދު (ރިޝް) އަމީނިއްޔާ ސްކޫލުން ތައުލީމު ހާސިލް ކުރެއްވުމަށްފަހު 1994 ގައި ޒަވާޖީ ހަޔާތެއް ފަށައި ހދ. ނާވައިދޫއަށް ދިރިއުޅުން ބަދަލުކުރަން ޖެހުނީ އެ ދުވަސްވަރު ދިރިއުޅުމުގެ ހާލަތު ނިޔާކުރި ގޮތުންނެވެ. އެހެން ނަމަވެސް އެއީ އޭނާ ދިރިއުޅުމުގައި ފަހަތަށް ދާން ޖެހޭނެ ސަބަބެއް ކަމުގައި ނުދެކެ އެވެ. ހިނގީ ކުރިއަށެވެ. ވިސްނީ ދުރަށެވެ.
ލީޑާޝިޕް ހުރިކަން ދެނެގަނެވުނީ ނާވައިދޫގައި އުޅުމުގެ ތެރެއިން
ނާވައިދޫގައި އޭނާ އިސްނަގައިގެން ކުރި އިޖްތިމާއީ ގިނަ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންގެ ލޯބި އޭނާ ކަށަވަރު ކުރެއްވި އެވެ. އެ ރަށުގައި ގައުމީ ފެންވަރުގަ އާއި ބައިނަލްއަގްވާމީ ފެންވަރުގައި ފަހާގަކުރާ ދުވަސްތައް ފާހަގަކުރުމުގައި ކަންކަން ރާވާ ހިންގުމުގައި ރައްޔިތުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް އޭނާ ކުރެއްވި އެވެ. އޭގެ ތެރޭގައި ރަށް ޒީނަތްތެރި ކުރުމަށްޓަކައި ގިޑިގެ ފަރުމާކުރުން ހިމެނެ އެވެ. އަދި އަންހެނުން ބާރުވެރިކުރުމުގެ މަގު ފަހިކޮށްދީ، އީދު ފަދަ މުހިންމު މުނާސަބަތުތަކުގައި، ރަށު ފެންވަރުގެ ތަފާތު ކުޅިވަރު ރާވާ ހިންގުން ހިމެނެ އެވެ.
ނަވާރަސަތޭކަ ނުވަދިހައިގެ ކުރީކޮޅު ނާވައިދޫގެ ތައުލީމީ ފެންވަރު މާރަނގަޅު ނޫން ކަމަށާއި އެ ރަށުގައި އޯލެވެލްއާއި ހިސާބަށް ކިޔެވި މީހަކު ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ސްކޫލުގައި ކިޔަވައިދެނީ ދިވެހި މީޑިއަމްއަށެވެ. އެންމެ މަތީ ގްރޭޑަކީ ގްރޭޑް ހައެކެވެ.
އެ ރަށު މީހުންގެ އެދުމުގެ މަތިން ނާވައިދޫ ސްކޫލްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ރިޝްއަށް ފުރުސަތު ލިބުނެވެ. އަދި އެ ހުށަހެޅުން ވަރަށް އުފަލާއެކު ގަބޫލުކުރި އެވެ.
އެ ރަށު ސްކޫލުގައި ކިޔަވައިދެއްވި ދުވަސްވަރު ވެރިންނާއި މަޝްވަރާކޮށްގެން ސްކޫލަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގައި ރިޝް މުހިންމު ރޯލެއް އަދާކުރެއްވި އެވެ. އެގޮތުން އޭނާގެ އާޓިސްޓިކް ހުނަރު ބޭނުންކޮށްގެން ޕްރީސްކޫލް ޔުނިފޯމް ޑިޒައިންކޮށް ބޭބީ ނާސަރީ އަދި ނާސަރީ އުފައްދައި ކިޔަވައި ދޭން ފެށުނެވެ. އެ ސްކޫލަށް ނެޓްބޯލް ތައާރަފް ކޮށްދެއްވި އެވެ. އަދި ގްރޭޑް 7 އުފެއްދުމަށް އެހީތެރިވެދިނެވެ. ނާވައިދޫގައި އިނގިރޭސި މީޑިއަމްއަށް ކިޔަވައިދޭން ފެށުމުގައި ވެސް ސްކޫލްގެ އިސް ފަރާތްތަކާ ގުޅިގެން މުހިންމު ނިންމުންތައް ނިންމުމުގައި އޭނާ ވަރަށް ބޮޑަށް ބައިވެރިވި އެވެ.
އެ ސްކޫލް ކުދިންނަށް ފަންޑް ރެއިޒް ކުރާނެ ފެއާތައް ބާއްވާނެ ގޮތް ތައާރަފްކޮށްދިނުމާއި އެކި އުމުރުފުރައިގެ ކުދިންގެ ހުރި ހުނަރު ދައްކާލުމާއި، އެފަދަ ކަންކަން ތަރައްގީ ކުރާނެ ގޮތް މަގުފަހި ކޮށްދެއްވި އެވެ.
"މިއަހަރު ނާވައިދޫ ކައުންސިލްއާއި ގުޅިގެން އަންހެނުން ހޭލުންތެރި ކުރުމާއި ފުރާވަރަށް އަޅާކުދިންނަށާއި ޒުވާނުންނަށް ކެރިއާ ގައިޑެންސް ޕްރޮގްރާމް ހިންގުންމަށް މިއަންނަނީ މަޝްވަރާކުރަމުން،" ރިޝް ވިދާޅުވި އެވެ.
ނާވައިދޫއިން ދެން އޭނަގެ ދިރިއުޅުން ބަދަލުކުރީ ބ. ފެހެންދޫއަށެވެ. އެ ރަށުގައި ހޭދަކުރި ދުވަސްކޮޅު ލިބުނު ފުރުސަތެއްގައި ފެހެންދޫ ރަށު އޮފީހުގައި މަސައްކަތް ކުރެއްވި އެވެ. އަދި އެ ރަށު އަންހެނުންގެ ކުރިއެރުމަށް ވެސް މުހިންމު މަސައްކަތަކެއް ކޮށްދެއްވި އެވެ.
ވިލިމާލޭ ސްކޫލްގައި އަދާކުރި މުހިންމު ދައުރު
ދެހާހުގެ އަހަރުތަކުގައި އޭނާ މާލެއަށް ދިރިއުޅުން ބަދަލުކުރި އެވެ. ދިރިއުޅުނީ ވިލިމާލޭގައި މައިންބަފައިންނާއި އެއްބަޑު އެއްބަފާކުދިންނާ އެކީ އެއްގެއެއްގަ އެވެ.
އޭނާގެ ދެކުދިން ކިޔަވަން ފޮނުވީ މުހިއްޔިއްދީން ސްކޫލްއަށެވެ. އެދުވަސްވަރު މުހިއްޔިއްދީން ސްކޫލްގެ ޕީޓީއޭގައި ނައިބްރައީސާގެ މަގާމާއި އަދި ފަހުން ރައީސްގެ މަގާމު އޭނާ ފުރި އެވެ. އަދި ސްކޫލް ބޯޑުގައި ވައިސް ޗެއާއެއްގެ މަގާމު އަދާކުރި އެވެ.
ޕީޓީއޭއިން ހިންގާ ހަރަކާތްތަކުގައި ހުންނަ ރިޝްގެ ކުރެހުމުގެ ހުނަރު އެ ސްކޫލްގެ އިސްބޭފުޅުންނަށް ފާހަގަވެ، މުހިއްޔިއްދީންގެ ދަރިވަރުންނަށް ކުރަހަން ދަސްކޮށްދިނުމަށްޓަކައި އެސިސްޓަންޓް އާޓް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހުށްހެޅުމުން އެލިބުނު ފުރުސަތުގައި ދަރިވަރުންނަށް އާޓް ކްލާސް ނަގައިދެއްވި އެވެ. ފަހުން މުހިއްޔިއްދީން ސްކޫލުން ވަކިވެ އެމްއެންޔޫގައި އާޓްގެ ދާއިރާއިން ކިޔަވަން ފެއްޓެވި އެވެ.
"ވިލިމާލެ ސްކޫލުގައި ފާހަގަކުރާ ޚާއްސަ ދުވަސްތަކަކީ އަޅުގަނޑުގެ ވަރަށް އިސް ބައިވެރިވުން ހިމެނޭކަމެއް. ކަންކަން ރާވާ ހިންގުމުގައި އިސްދައުރެއް އަދާކުރަން،" ރިޝް ވިދާޅުވި އެވެ.
ސްވޮޑްގެ ހަރަކާތްތައް އަދި އިޖްތިމާއީ ގިނަ މަސައްކަތްތަކެއް
އެމްއެންޔޫގައި ކައުންސިލިންގް ހެދުމުން އަމިއްލަ ހުނަރުވެރިކަން އިތުރުވެ މީހުންނަށް އެހީތެރިވުމަށް އިތުރު ބާރަކަށްވި އެވެ.
ކިޔެވުން ފުރިހަމަ ކުރެއްވުމަށްފަހު ދެން އޭނާ ގުޅުނީ ރާއްޖޭގައި އޭރު މަސްތުވާތަކެއްޗާއި ދެކޮޅަށް އަންހެނުން މަސައްކަތްކުރާ ހަމައެކަނި ޖަމިއްޔާ ކަމަށްވާ ސްވޮޑް (ސޮސައިޓީ ފޯ ވިމަން އަގެއިންސްޓް ޑްރަގްސް)އާ އެވެ. އެ ޖަމްއިއްޔާގައި 10 ވަރަކަށް އަހަރު މަސައްކަތް ކުރިއިރު ގިނަ އިސް މަގާމްތަކެއް ވެސް އޭނާ އަދާކުރެއްވި އެވެ. އޭގެ ތެރޭގައި އެކްޓިން ވައިސް ޕްރެސިޑެންޓެއްގެ މަގާމާއި، ޕްރޮގްރާމް މެނޭޖަރުކަމާއި، އަދި އިވެންޓް އޮގަނައިޒާކަން ވެސް ހިމެނެ އެވެ.
"ސްވޮޑްގައި އުޅުނުއިރު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން އެކަމުން ސަލާމަތްކުރުމަށް އެންޑީއޭގެ "މެތަޑޯން" ފަރުވާ ތައާރަފް ކުރުމާ ގުޅިގެން އުފެއްދި ސްޓިއަރިން ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން މުހިންމު މަސައްކަތްތަކެއް އަޅުގަނޑު ކުރިން. މަސްތުވާތަކެތިން މުޖްތަމައު ދުރުކުރުމަށް ރާއްޖޭގެ ވަރަށް ގިނަ އަތޮޅުތަކެއްގައި ވާނީ ގިނަ ވޯކްޝޮޕްތައް ހިންގައިފައި،" ރިޝް ވިދާޅުވި އެވެ.
އޭނާ ވަނީ ދާއިރާއިން ކުރިއަށް ދާން ލިބުނު ފުރުސަތުތަކުގެ ބޭނުންހިފައި، އިންޑިއާގެ އެކި ސްޓޭޓްސް، ނެޕާލް، ބުރުނާއީ، ސިންގަޕޫރު، މެލޭޝިޔާ، ބަންގްލާދޭޝް، ސްރީލަންކާ ފަދަ ގައުމުތަކުގައި ހިންގުނު ޓްރޭނިންގް ވޯކްޝޮޕްތަކުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.
މީގެ އިތުރުން އެޑިއުކޭޝަންއާއި ޔުނިސެފްގެ ފަރާތުން ލިބުނު ޓޮޓް (ޓްރެއިނާ އޮފް ޓްރެއިނާސް )ޓްރޭނިން ފުރުސަތެއްގައި ތަމްރީންވެ ލައިފް ސްކިލް ޓްރޭނާކަން ހާސިލް ކޮށްފައިވ އެވެ. މިއަދު އޭނާއަކީ މާސްޓާ ޓްރެއިނާއެކެވެ. ޔޫތް ސެންޓަރުގައި މީހުން ބިނާކުރުމަށް ގިނަ ޓްރޭނިން ސެޝަންތައް ނަންގަވައިދެއްވަ އެވެ. އަދި ރަށްރަށުގައި ވެސް ވަރަށް ގިނަ ލައިފް ސްކިލް ޓްރޭނިން ސެޝަންތައް މިހާތަނަށް ވަނީ ނަންގަވައި ދެއްވައިފަ އެވެ.
އޭނާ ވަނީ އެވިޑް ކޮލެޖްގައި ލީޑާޝީޕް އިން ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ ހެދުމަށްފަހު ގިނަ އޮފީސްތަކަކަށް ލީޑާޝިޕް ޓްރޭނިން ހިންގަވަ އެވެ. މީގެ އިތުރުން ރިޝް ފާހަގަ ވަނީ ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތު ކޭމްޕް ފަދަ ޕްރޮގްރާމްތައް ހިންގުމާއި ހާއްސަކޮށް އަންހެނުން ބިނާކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައި ވަރަށް ކުޅަދާނަ ލީޑަރެއްގެ ގޮތުގަ އެވެ.
"އެއްފަހަރަކު ސްވަޑްގެ ޕްރޮގްރާމް މެނޭޖަރަކަށް ހުރިއިރު ޑިޓޮކްސް މަސައްކަތް ކުރާ ކޭމްޕެއްގައި 15 ވަރަކަށް ދުވަހު އަޅުގަނޑު މަޑުކުރިން. އަޅުގަނޑުގެ ހަވާލުގައި އެފަހަރު ދެ ޑޮކްޓަރުންނާއި، ދެ ކައުންސިލަރުންނާއި އަދި 13 މަސްތުވާތަކެތި ބޭނުންކުރާ ކުދިން ތިބި. މުޅި ދުވަސް ހޭދަކުރީ އެ ކުދިންނާއެކު. އެއީ ވަރަށް ކާމިޔާބުކޮށް ނިންމާލެވުނު ކޭންޕެއް،" ރިޝް ވިދާޅުވި އެވެ.
ދިވެހިންގެ ހުނަރުވެރިކަން ކުރިއެރުވުމަށް އަމިއްލަ ޖަމްއިޔާއެއް އުފެއްދުން
ރިޝްއަކީ މާލޭގައި ހުންނަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ލައިފް ސްކިލްސް އެޑިއުކޭޝަންގެ ޕްރެޒިޑެންޓް އެވެ. އަދި މޯލްޑިވްސް މެންޓަލް ހެލްތް އެސޯސިއޭޝަންގެ ވައިސް ޕްރެޒިޑެންޓެވެ. މި ދެ ޖަމްއިއްޔާގެ ދަށުން މުޖްތަމައުގައި މީހުން ހޭލުންތެރިކުރުވުމާއި، ޔޫތު ކޭމްޕުތައް ބާއްވައި ޒުވާނުން ބިނާކުރުމާއި، އަންހެނުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ.
ކޯޕްރަލްއެއްގެ ގޮތުގައި ޖަލުގައި ކުރެއްވި ޚިދްމަތް
އޭނާ ވަނީ 2013ގައި ޖަލުގައި ޕްރިސަންސް އޮފިސާއަކަށްވުމަށްޓަކައި ޕްރިޒަން އޮފިސާ ޓްރޭނިން ހައްދަވައި ކޯޕްރަލްއެއްގެ ގޮތުގައި މާފުށީ ޖަލުގައި މަސައްކަތް ކުރައްވާފައި އެވެ. ފަހުން ޕްރިޒަން އޮފިސާއެއްގެ ގޮތުގައި ރިހެބިލިޓޭޝަން ސެކްޝަންގެ ހެޑްކަމާއި ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި އެވެ. އެ މަގާމުގައި ހުންނަވައިގެން އޮފިސަރުން ޓްރެއިން ކުރުމާއި، ގައިދީންނަށް ވޯކްޝޮޕާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވަނީ ހިންގަވައިފަ އެވެ.
ނަފުސާނީ ފަރުވާދޭ ކްލިކް ހިންގުމުގައި އިސްދައުރެއް
ރިޝް ހިއްސާވެގެން މާލޭގައި ނަފްސާނީ ބަލި މީހުންނަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން ހިންގާ "ލޭކޮކާ މެޑިކަލް އެންޑް ރިހެބިލިޓޭޝަން ސެންޓާ ނުވަތަ ލޭކޮކާ ކްލިނިކް "އަކީ ނަފްސާނީ ބަލިމަޑުކަން ތަޙައްމަލްކުރާ ފަރާތްތަކަށް ތެރަޕީ އަދި ފަރުވާ ދިނުމުގެ މަގްސަދުގައި ދާދި ފަހުން ހުޅުވި ކްލިނިކެކެވެ.
ރިޝް ފާހަގަ ކުރެއްވިގޮތުގައި މިހާރު ވެސް ގިނަ އަދަދަކަށް ކްލަޔަންޓުން އެ ކްލިނިކްގައި ރަޖިސްޓްރީ ކުރެވިފައި ވުމުން އަންގައިދެނީ ނަފްސާނީ ބަލީގެ ފަރުވާއަށް މިކުޑަ މުޖަތަމައުގައި މީހުން ބޭނުން ޖެހިފައިވާ މިންވަރެވެ.
މި ހުނަރުވެރިޔާގެ ހުނަރުގެ ލިސްޓުގައި އަދި ހިމަނާ ނުލެވޭ އެއްބޮޅު އެބައޮތެވެ. އެއީ ހުސްވަގުތުތަކުގައި ވާހަކަ ލިޔުއްވާ ކަމެވެ. ވާހަކަ ލިޔުއްވުމުގެ ހުނަރު ބޭނުން ކުރައްވައިގެން ރާއްޖޭގެ ފީޗާ ފިލްމް އުފެއްދުމަށް ވާހަކަ ލިޔުއްވަ އެވެ. މީގެ އިތުރުން އޭނާ އަކީ މޯލްޑިވްސް ސޮސައިޓި ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)ގެ ޖެނެރަލް ސެކެޓަރީގެ ގޮތުގައި ވެސް އިސްރޯލެއް އަދާކުރައްވާ ބޭފުޅެކެވެ.
އެ މަގާމުގައި ހުންނަވައިގެން ރާއްޖޭގައި އުޅުއްވާ ފަންނުވެރިން ތަރައްގީ ކުރުމާއި، ދާއިރާ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަ އެވެ. އޭގެ އިތުރުން އިންޑިއަން ކަލްޗާ ސެންޓަރާއި ގާތް ގުޅުމެއް ބާއްވަ އެވެ. އެ ބޭފުޅުން އެދިވަޑައިގެންނެވި ކޮންމެ ކަމެއްގައި ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދެއްވަ އެވެ. ގައުމީ ވާޖިބެއްގޮތުގައި ބަލައިގެން ނެވެ.
"އެމްއެސްޕީއޭގެ ފަރާތުން ބާއްވާ ފުރަތަމަ ފިލްމް އެވޯޑް 2025 މި އޮގަސްޓް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަން މި ފުރުސަތުގައި ފާހަގަކޮށްލާނަން،" 2024 ގައި އޭޝިއާގައި އެންމެ ދިގު މުއްދަތެއްގައި ސޯޝަލް ވޯކް ނުވަތަ އިޖްތިމާއީ މަސައްކަތް ކުރެއްވުމުގައި ދެމިހުރި ފަރާތަކަށް ދެއްވާ އޭޝިއާ އައިކޯނިކް އެވޯޑް ވެސް ހާސިލް ކުރައްވާފައިވާ ރިޝް ވިދާޅުވި އެވެ.
ރިޝް ކުރިއަށް ރާވާފައި ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންކަމަކަށް މިވަގުތު ފާހަގަ ކުރެއްވީ މިއަހަރުގެ އޮކްޓޫބަރުގައި ސްރީލަންކާގެ ޖަމިއްޔާއެއް ކަމަށްވާ ފަސްޓް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ވެޓްލޭންޑްސް 2025ގެ ނަމުގައި، އިމޯޝަނަލް އިންޓެލިޖެންސް އެންޑް ލައިފް ސްކިލްސް ޓީމްގެ އޮގަނައިޒޭޝަން އާ ގުޅިގެން ބޭއްވާ ކޮންފަރަންސެކެވެ.
އޭގެ އިތުރުން ރަށްރަށުގެ އަންހެނުން ކުރިއަރުވާ ކޮމިޓީއާ ގުޅިގެން އަންހެނުންނަށް ޚާއްސަކޮށްގެން މަސައްކަތާއި ތަމްރީނުދީ ކުރިއެރުވުމުގެ ޕްރޮގްރާމަކާއި، ތުލުސްދޫ ކައުންސިލްއާއި ގުޅިގެން މެންޓަލް ހެލްތް އާ ބެހޭ ޕްރޮގްރާމްތަކެއް އެ އަތޮޅުގައި ހިންގުމަށް ވަނީ ރާވާފަ އެވެ. އަދި މޯލްޑިވްސް ކްރެކްޝަނަލް ސާވިސްގެ ރިހެބިލިޓޭޝަން ޑިޕާޓްމަންޓްއާ ގުޅިގެން ޖަލުގައި ޕައިލެޓް ޕްރޮގްރާމްތަކެއް ހިންގުމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ.
އޭނާ އަކީ ހީވަގި މަސައްކަތްތެރިއެކެވެ. މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން މާލޭގެ އަވަށްތަކުން 2023 ގައި ހޮވި އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތެރިއަކަށް ވިލިމާލެއިން ރިޝް ހޮވައި ހަނދާނީ ފިލާއެއް ވެސް ވަނީ އަރުވައިފައި އެވެ.
އޭނާގެ މަސައްކަތުގައި ކުރިއަށް ދިއުމަށް އެންމެބޮޑު ހިތްވަރެއް ލިބެނީ އާއިލާ އާއި އޭނާގެ ދެ އަންހެން ކުދިންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ކަމުގައި އޭނާ ގަބޫލުކުރެ އެވެ. އެކަމަށްޓަކައި އޭނާގެ އާއިލާއަށް ފަށްފަށުން ޝުކުރު އަދާކުރެ އެވެ.
ރިޝް އަކީ ހަމަ ލާމަސީލު މިސާލެއް ވ ހީވާގި ހަމަ އެހާމެ ހިތްހެޔޮ ވ މުރާލި ފިސާރި ކެރޭ އަންހެން ކަނބަލެއް.އަހަރެން މިއަދު ވ އުފާވޭ އަހަންނަށް ރިޝްއާ އެއްކޮށް އެއް އޮފީހެއްގަ މަސައްކަތް ކޮށްލަން ލިބުމުން ރިޝްގެ ދަށުން އެދުވަސް ވަރު އަހަރެން މަސައްކަތް ކުރީ އަޅުގަނޑަށް އިޙްސާސްކުރެވުނީ ހަމަ އެއް އާއިލާއެއްގަ މަސައްކަތް ކުރެވުނު ހެން ތަފާތު ކުރުމެއް ނެތި އެހާމެ މަޖާ ސަކަރާތް ޖަހާ ގުޅިގެން އެންމެން ގޮވައިގެން މަސައްކަތް ކުރާ ހީވާގި ލީޑަރ ޝިޕް އެއް ހުންނަ ބޭކަނބަލެއް ރިޝްއަކީ…މިއަދު ވ އުފާވެއްޖެ!
ރިޕްލައި