ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިމަހުގެ 25 ގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ބުނީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށްފަހު މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 އިން 26 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި، ބޮޑުވަޒީރު މޯދީ މަތީ ފަންތީގެ ބައްދަލުވުންތައް ބާއްވަވާ، ބައެއް މަޝްރޫއުތައް އިފްތިތާހް ކުރުމަށްވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުންވެސް ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމާއެކު އެކި އެކި ދާއިރާތަކުން އެއްބާރުލުންދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މޯދީ ރާއްޖެ ވަޑައިގަންނަވަނީ ރާއްޖެ މިނިވަންވީތާ 60 އަހަރު ފުރޭ މުނާސަބަތާއި ރާއްޖެ އާއި އިންޑިއާ ގެ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ.