ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އާޒިމްގެ އާއިލީ ވިޔަފާރި ކުންފުނި އާރުސީސީއަށް މާލޭގެ އެންމެ އަގު ބޮޑު އެއް ބިން ހީނާމާގެ ހުރި ތަން ނުއަގުގައި ދީފައިވޭ. މާލޭގެ ބިންތައް ކައުންސިލުގެ ރުހުން ހޯދުމަކާނުލާ ކުއްޔަށް ދެނީ މޭޔަރު އާޒިމް އެކަށައަޅާ ކުޑަ ކޮމިޓީއަކުން.

މާލޭ ސިޓީ ކައުންސިލުގެ ބަހެއް ނެތި، މޭޔަރު އާދަމް އާޒިމް ބިންތައް ނުއަގުގައި ދިގު މުއްދަތަށް ދޫކުރައްވާ ކަމަށް ބުނެ، އެ ބިންތަކުގެ މައުލޫމާތު ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފް ފާތިހު އެދިވަޑައިގެންފި އެވެ.

މާލެއިން ކުރު އަދި ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ ތަފްސީލު ހޯދަން މިދިޔަ ސެޕްޓެމްބަރުން ފެށިގެން އެކި ފަހަރުމަތިން އާޒިމުގެ އަރިހުގައި އެދިފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވާ ކަމަށް ފާތިހު ވަނީ ވިދާޅުވެފަ އެވެ.

ފާތިހު ވިދާޅުވި ގޮތުގައި އޭނާ ވަނީ އާދިއްތަ ދުވަހުގައި ވެސް އެކަމާ ކަންބޮޑުވުން ފާޅުކޮށް އާޒިމަށް އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދި ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައިވާ ގޮތުން މާލެއިން ކުރު އަދި ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ ތަފްސީލު ހޯދަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭ ބޭއްވި ކައުންސިލުގެ ވައިޓަލް ސްޓެޓިސްޓިކްސް އެންޑް ޑިޖިޓަލައިޒޭޝަން ކޮމިޓީގެ ބައްދަލުވުމެއްގައި ނިންމާފައިވެއެވެ.

އެއަށް ފަހު އެ މައުލޫމާތު ހިއްސާކުރުމަށް، އާޒިމުގެ އަރިހުގައި ތަކުރާރުކޮށް އެދިފައިވާނެ ކަމަށާއި މިދިޔަ 3 އޮކްޓޫބަރުގެ ކުރިން ހޯދަން އެދިފައިވާ އެ މައުލޫމާތު މިއަދާ ހަމައަށް ވެސް އެ ކޮމިޓީއަށް ފޯރުކޮށްދީފައެއް ނުވާ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން އެ މައުލޫމާތު ހިއްސާކުރުމަށާއި އެކަމުގެ ތަފްސީލު ހޯދަން ކައުންސިލުގެ ރަސްމީ ތިން ޖަލްސާއެއްގައި އެދިފައިވާނެ ކަމަށާއި އެކަމަކު އެ ޖަލްސާތަކުގައި އަބަދުވެސް ލިބޭ ޖަވާބަކީ ލިސްޓު އަދި އެކުލަވާނުލެވޭ ކަމަށާއި އެކުލަވާލައި ނިމުނުން ތަފްސީލް ދޭނޭ ކަމަށެވެ.

އާޒިމަށް ފޮނުވާފައިވާ އެ ސިޓީގައި ބުނީ، މާލޭގެ މަގުތަކާއި އާންމު ހުސް ޖާގަތަކާއި ޕާކުތަކާއި މައިންޒާންތަކާއި ކުޅިވަރު މައިދާންތަކަކީ މާލޭގެ ރައްޔިތުންގެ މިލްކެއް ކަަމަށެވެ. އެ ތަންތަނުން އެންމެ އެކަށީގެންވާ އާންމު މަސްލަހަތުގައި މަންފާ ނެރުމަކީ އެކަމުގެ މައްޗަށް ކައުންސިލް ޒިންމާ ކުރެވިފައިވާ ކަމެއް ކަމަށެވެ.

އެހެންކަމުން، އެފަދަ ތަންތަން ކުއްޔަށްދީ ތަރައްގީ ކުރަން ވާނީ މާލޭ ކައުންސިލުގެ އާންމު ރަސްމީ ޖަލްސާއަކަށް ހުށަހަޅާ މަޝްވަރާއާ ހިޔާލު ހޯދައިގެން ކަމަށް ސިޓީގައިވެ އެވެ.

ސައިފު ވިދާޅުވި ގޮތުން މާލޭގެ ބިންތައް ކައުންސިލުގެ ރުހުން ހޯދުމަކާނުލާ ކުއްޔަށް ދެނީ މޭޔަރު އާޒިމް އެކަށައަޅާ ކުޑަ ކޮމިޓީއަކުންނެވެ.

ކައުންސިލްގެ ބަހެެއް ނެތި އާޒިމް، ބިންތައް ކުއްޔަށްދީ ތަރައްގީކުރަން އަމިއްލަ ފަރާތްތަކާ އެކު އެއްބަސްވަމުންދާ މައްސަލާގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ލޯކަލް ގަވާމަންޓް އޮތޯރަޓީ (އެލްޖީއޭ) އަދި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި 2021، 2022 އަދި 2023ގައި އެކަން ފާހަގަކޮށްފައިވާނެ ކަމަށާއި އެކަމަކު އެއިން އެއްވެސް އިދާރާއަކުން އެކަމަށް އީޖާބީ ފިޔަވަޅެއް އަޅާފައެއް ނެތްކަމަށް ފާތިހު ވިދާޅުވި އެވެ.

މީގެ އިތުރުން މާލޭގެ އެއްވެސް ބިމެއް ދިގު ނުވަތަ ކުރު މުއްތަކަށް ކުއްޔަށް ދެވޭނީ ނުވަތަ ތަރައްގީކުރަން ނިންމޭނީ ކައުންސިލުގެ ފްލޯއަށް ހުށަހަޅައި ޖަލްސާގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށް، އަމިއްލައަށް އިސްނަގައިގެން ޖޫން 2023ގައި ކައުންސިލުގެ ހިންގާ ގަވާއިދަށް ބަދަލު ގެނެސްފައިވާނެ ކަމަށް ވެސް ފާތިހު ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އާޒިމްގެ އާއިލީ ވިޔަފާރި ކުންފުނި އާރުސީސީއަށް މާލޭގެ އެންމެ އަގު ބޮޑު އެއް ބިން ހީނާމާގެ ހުރި ތަން ނުއަގުގައި ވަނީ ދީފަ އެވެ.