އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވީ މިއަދުއެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައިވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
އެ މަގާމުގެ ތައުލީމީ ޝަރުތަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއެކު، ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުރުމެވެ. އެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ނަން ފޮނުއްވުމުން އެ މަޖިލީހުން ފާސްކޮށްގެންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަން ކުރެއްވީ 2019 ވަނަ އަހަރު އެވެ. އޭގެކުރިން އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފަ އެވެ.