އެމްޑީޕީގެ ޕާާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ޤަވަރުނަރު އަޙުމަދު މުނައްވަރުއާ ބައްދަލު ކުރަން ދެ ވަނަ ދުވަހު ދިޔުމުން ވެސް، ބައްދަލު ކުރުމަށް ގަވަރުނަރު ދެކޮޅު ހައްދަވައިފި އެވެ.
އެންމެ ފުރަތަމަ އެމްޑީޕީގެ ޕީޖީ ގުރޫޕުން ގަވަރުނަރާ ބައްދަލު ކުރަން އެމްއެމްއޭ އަށް ދިޔައީ ހޯމަ ދުވަހު މެންދުރު އެވެ. އެހެން ނަމަވެސް އެތަނުގައި ދެ ގަޑިއިރަށް ވުރެ ގިނައިރު ވީއިރު ވެސް، އެމްޑީޕީގެ މެމްބަރުންނާ ގަވަރުނަރު ބައްދަލު ކުރައްވާފައި ނުވެ އެވެ. އަދި އެޕޮއިންޓްމަންޓެއް ނުހައްދައި ބައްދަލުނުވާނެ ކަމަށް ވެސް ގަވަރުނަރު ވަނީ އެމްޑީޕީ މެމްބަރުންގެ ގާތު ވިދާޅުވެފައި އެވެ.
އެހެން ނަމަވެސް އެމްޑީޕީ މެމްބަރުން ބުނެފައި ވަނީ މެމްބަރުންގެ އިމްތިޔާޒާއި ބެހޭ ގާނޫނުގެ ތެރެއިން އެގޮތަށް އައިސް ބައްްދަލުކުރެވޭނޭ ކަމަށް ވަރަށް ސާފުކޮށް ގާނޫނުގައި ލިޔެވިފައި އޮންނަ ކަމަށެވެ. އެގޮތުގެ މަތިން ބައްދަލުކުރުމަށް އެމްޑީޕީ މެމްބަރުން އެމްއެމްއޭއަށް ވަޑައިގަތީ ކަމަށް ވެސް އިއްޔެ ވިދާޅުވި އެވެ.
އެމްޑީޕީ މެމްބަރުން ވިދާޅުވީ ގަވަރުނަރާއި ބައްދަލުވަންދެން އެމްއެމްއޭއަށް ކޮންމެ ދުވަހަކުވެސް ދާނޭ ކަމަށެވެ. އެގޮތުން މިއަދު ވެސް މިވަނީ ގަވަރުނަރާއި ބައްދަލުކުރަން އެމްއެމްއޭކައިރިއަށް އެމްޑީޕީ މެމްބަރުން ގޮސްފައި އެވެ. ނަމަވެސް ގަޑިއިރު ވީއިރު ވެސް ގަވަރުނަރު އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ނުކުރެއްވި އެވެ.
އެމްޑީޕީގެ މެމްބަރުން ގަވަރުނަރާ ބައްދަލު ކުރުމަށް ބޭނުން ވަނީ، ރާއްޖޭގެ ޑޮލަރުގެ ރޭޓު ހިފެހެއްޓުމެއްް ނެތި މަތިވަމުން އަންނަ މައްސަލައިގައި، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން އިތުރުވެފައިވާތީ އެވެ. މިވަގުތު ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 20 ރުފިޔާ އިން މަތީގަ އެވެ.
އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރުމަށް ގަނަވަރު ދެކޮޅު ހަދަމުން އަންނާތީ، އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފަ އެވެ. އަދި ގަވަރުނަރާ ބައްދަލުވަންދެން ކޮންމެ ދުވަހަކު އެމްއެމްއޭ އަށް ދިޔުމަށް ވެސް ވަނީ ނިންމައިފަ އެވެ. އަދި މިކަމުގައި ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިން ވެސް ބައިވެރިވުމަށް އެމްޑީޕީ މެމްބަރުން އެދެއެވެ.