ސްކޫލްތަކުގެ ފުރަތަމަ ޓާމު ޗުއްޓީ މިއަދު ފަށައިފި އެވެ.

ދަރިވަރުންނަށް މިއަދު ރިޕޯޓް ފޮތް ދީފައިވާއިރު، އެކަޑަމިކް ކަލަންޑަރުގައިވާގޮތުން ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ. ޗުއްޓީއަށް ފަހު ދެން ސްކޫލްތައް ހުޅުވޭނީ އަންނަ އޮގަސްޓު މަހުގެ 10 ގަ އެވެ.

އެއަށްފަހު މި އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ނިމި، ޑިސެމްބަރު 28 އިން އަންނަ އަހަރުގެ ޖެނުއަރީ 22އާ ހަމައަށް ބޮޑު ޗުއްޓީ ލިބޭނެ އެވެ.

ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން މި ސަރުކާރުން ބަދަލުކޮށްފައިވާއިރު، މި ބަދަލާއެކު ކިޔެވުން ފަށާނީ ޖެނުއަރީ މަހު އެވެ.

ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް، ރާއްޖޭގެ ސްކޫލުތަކުގައި 84،000 އަށް ވުރެ ގިނަ ކުދިން މި އަހަރު ތައުލީމް ހާސިލު ކުރަމުންދާއިރު، އެ ކުދިންނަށް ކިޔަވައިދިނުމުގައި ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މަސައްކަތް ކުރެ އެވެ.