އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި، ދިވެހި ސަރުކާރުން އިންޑިއާ އާއި މޯދީގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް، ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 އިން 26 އަށެވެ. އެއީ ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް، މިނިވަން ދުވަހުގެ ހާއްސަ މެހުމާނެއްގެ ގޮތުގަ އެވެ. އެހެން ކަމުން އަންނަ ހުކުރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވާނެ އެވެ.
މޯދީ ރާއްޖެ ވަޑައިގަންނަވަނީ ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ ދައުވަތަކަށެވެ.
އެކަމާ ގުޅިގެން މަހްލޫފް އެކްސްގައި ވިދާޅުވެފައި ވަނީ، ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިބިއިރު، ބޮޑު ވަޒީރު މޯދީ އާއި އިންޑިއާގެ ރައްޔިތުންނަށް ފުރައްސާރަކޮށް، ނަފުރަތު އުފައްދައި، ހަޑި ހުތުރު ބަސްތައް ބޭނުން ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މަހަލޫފް ވިދާޅުވީ އޭރު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިން އަކީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ހިންގި އެންމެ ބޮޑު ސްކޭމް ކަމަށެވެ. އަދި އެއީ އެތައް ދޮގެއްގެ މައްޗަށް އެކުލެވިގެންވާ ކަމެއް ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެ އެވެ.
ހަމަ އެހެންމެ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ވެސް އިންޑިއާ ލޭބަލް ކޮށްފައި ވަނީ ރާއްޖެ އަށް އެންމެ ބޮޑަށް ބުލީ ކުރާ ގައުމުގެ ގޮތުގައި ކަމަށާއި، ސަރުކާރަށް ހަގީގަތް އެނގެންދެން އެކަން ކުރިއަށް ގެންދިޔަ ކަމަށެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އަބަދު ވެސް ގާތް ގުޅުމެއް އޮންނާނެކަން ފާހަގަކޮށް މަހްލޫފް ވިދާޅުވީ، މިފަހަރު މޯދީ ކުރައްވާ ދަތުރުފުޅުން ސާފު އަދި ވަރުގަދަ މެސެޖެއް ލިބިގެންދާ ކަމަށެވެ.
މަހްލޫފްގެ އެ ޕޯސްޓުގައި ހިމަނާފައި ވަނީ، އިދިކޮޅުގައި ތިބެގެން އޭރު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިންގެ ރެލީއެއްގައި، އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ ކާޓޫނު ބޭނުން ކޮށްގެން، މަލާމާތްކޮށް އަދި ފުރައްސާރަ ކުރަމުން އަންނަ މަންޒަރު ފެންނަ ވީޑިއޯ އެކެވެ.
ރައީސް މުއިއްޒު އާއި މި ސަރުކާރުގެ ގިނަ ވަޒީރުން އަދި އިސް ބޭފުޅުން ހިމެނޭހެން އޭރު އިންޑިއާ އައުޓް ކެމްޕެއިން ކުރިއަށް ގެންގޮސް، މޯދީ އާއި އިންޑިއާ އަށް ވަރަށް ބޮޑަށް ފުރައްސާރަ ކުރުމަށް ފަހު، ރާއްޖޭގެ މިނިވަން ދުވަހުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި މޯދީ ގެންނާތީ ގިނަ ބަޔަކު އަންނަނީ ސަރުކާާރަށް ފާޑު ކިޔަމުންނެވެ.