މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް ހަމަޖައްސާފައިވާ މިނިމަމް ރިޒާވް ރިކުއާމަންޓް (އެމްއާރްއާރް) 7.5 ޕަސެންޓް އިން 5.0 ޕަސެންޓަށް ދަށްކޮށްފި އެވެ.
މި ބަދަލަށް އަމަލުކުރަން ފަށާފައިވަނީ މިއަދު އެވެ.
މި ބަދަލު ގެނެސްފައި ވަނީ ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް އެކަންޏެވެ. މިއީ އޮކްޓޯބަރު 2024 ގައި އެމްއެމްއޭ އިން މިފަދަ ލިކުއިޑިޓީގެ ދަތިކަމަކަށް ހައްލު ހޯދުމަށް އެމްއާރްއާރް 10 ޕަސެންޓުން 7.5 ޕަސެންޓަށް ދަށްކުރުމަށްފަހު، ބޭރު ފައިސާގެ އެމްއާރްއާރްއަށް ގެނެވުނު ފުރަތަމަ ބަދަލެވެ. ނަމަވެސް، އެމްއެމްއޭ އިން ވަނީ ރުފިޔާގެ ރިޒާވް ރިކުއާމަންޓަށް ބަދަލެއް ނުގެނެސް 10 ޕަސެންޓް ގައި ހިފަހައްޓާފަ އެވެ.
އެމްއާރްއާރް އަކީ ބޭންކިންގް ނިޒާމުގެ ތެރޭގައި ދައުރުވާ ލިކުއިޑިޓީ މެނޭޖްކުރުމަށް މަރުކަޒީ ބޭންކުތަކުގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގެންގުޅޭ ވަސީލަތެކެވެ. މިގޮތުން ހުރިހާ ވިޔަފާރި ބޭންކުތަކުން މަރުކަޒީ ބޭންކުގައި ކަނޑައެޅިފައިވާ މިންވަރެއް ރިޒަރވްގެ ގޮތުގައި ބަހައްޓަންޖެހެއެވެ. ވުމާއެކު އެމްއާރްއާރް އަކީ ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި އެ ބޭންކެއްގެ ޖުމުލަ ދިވެހި ރުފިޔާ އަދި، ބޭރު ފައިސާގެ ޑިޕޮސިޓްތަކުގެ ތެރެއިން، ރިޒަރވްގެ ގޮތުގައި ބަހައްޓަންޖެހޭ ވަކި މިންވަރެކެވެ.
އަދި އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް އެމްއާރްއާރްގެ ގޮތުގައި ބަހައްޓަން ޖެހޭ ނިސްބަތް ބަދަލުކުރެއެވެ. އެމްއެމްއޭއިން ބޭރު ފައިސާގެ އެމްއާރްއާރް ދަށްކުރުމަށް ނިންމާފައިވަނީ ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިތަކަށް އިތުރަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށް އެ އިދާރާ އިން ބުންޏެވެ. މީގެ ސަބަބުން ބޭންކިންގް ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާގެ ލޯނު ދޫކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ އެވެ. އަދި އިޤްތިޞާދީ ހަރަކާތްތައް ކުރިއެރުވުމަށް ބާރަކަށް ވެގެންދާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.
މި ބަދަލުގެ ސަބަބުން ބޭންކުތަކަށް ވަގުތުން ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ލޯނު ދިނުމަށް ޓަކައި ލިބިގެންދާނެ އެވެ.
އެމްއެމްއޭ އިން ދައުރުވާ ފައިސާ (މަނީ ސަޕްލައި) ބެލެހެއްޓުމަށާއި އަގުތައް މައްޗަށް ދިއުން ކޮންޓްރޯލްކުރުމަށް އެހެނިހެން ވަސީލަތްތައް ވެސް ބޭނުންކުރެ އެވެ. މީގެ ތެރޭގައި އޯޕަން މާކެޓް އޮޕަރޭޝަންތައް، ޕޮލިސީ ރޭޓަށް ގެންނަ ބަދަލުތައް، އަދި ވަކި އަމާޒުތަކަކަށް ބިނާކޮށް ބޭރު ފައިސާގެ މާރުކޭޓަށް އަސަރުކުރުވުން ހިމެނެ އެވެ. މި ވަސީލަތްތަކަށް ގެންނަ ކުދިކުދި ބަދަލުތަކުން، އިގްތިސާދީ ތަރައްޤީއަށް އެހީތެރިވުމާއެކު ބޭންކިންގް ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އެމްއެމްއޭ އިން މަސައްކަތްކުރެ އެވެ.