1. އެންމެ ފުރަތަމަ ކެމެރާ ކުރިމައްޗަށް ނުކުތީ ކޮން އިރަކު އަދި ކީއްވެ؟
ޖަވާބު: ޕްރެސެންޓަރެއްގެ ގޮތުގައި ފުރަތަމަ ކެމެރާ ކުރިމައްޗަށް އެރީ ޓީވީއެމްގެ ރޯދަ މަހުގެ ޚާއްސަ ޕްރޮގްރާމް "މިވަގުތު"ގެ ލައިވް އައުޓްޑޯ ސެގްމެންޓަކަށް. އެއީ ޓީވީ އެމްގެ ދެ ޕްރޮޑިއުސަރެއް ސައިފަށް އިތުބާރުކޮށްފަ ދިން ފުރުސަތެއް.
2. ފުރަތަމަ މިކަމުގެ ތެރެއަށް ނުކުތްއިރު ކޮބާ އެކްޕީރިއަންސްއަކީ؟ މިހާރު ވަކި ތަފާތުތަ؟
ޖަވާބު: ޓީވީ ޕްރެސެންޓް ކުރަން ފެށީ އެކަމުގެ އެއްވެސް އެކްޕީރިއަންސްއެއް ނެތި، އެކަމަކު ކުރެވިދާނެ ކަމެއްކަށް ގަބޫލުކުރެވޭތީ. ބޮޑުބެރުގެ ތެރެއިން ކޮންމެވެސް ވަރަކަށް ސްޓޭޖް ޝޯތައް ހޯސްޓް ކުރެވިފަ ހުންނާނެ އޭގެ ކުރިން. މިހާރު ޕްރެސެންޓިންގަ އިރާދަކުރެއްވިއްޔާ ހުށަހަޅާ ނުދެވޭނެ އެއްޗެއް ނުހުންނާނެ. ޕްރޮގްރާމެއް ވިޔަސް ސްޓޭޖް ޝޯ އެއް ވިޔަސް ޖަލްސާއެއް ވިޔަސް އިވެންޓެއް ވިޔަސް.
3. ކުރިން ބޮޑުބެރު ގްރޫޕެއްގަ ދޯ އުޅުނީ. އަދިވެސް އެކަމުގަ އުޅެންތަ؟
ޖަވާބު: މިހާރު ފިޒިކަލީ ގްރޫޕްގަ އެކްޓިވްކޮށް ނޫޅެން. އެކަމަކު ކޮންމެވެސް ވަރަކަށް ކަންކަމުގަ އެހީތެރިކަމާ ލަފާ ދީ އުޅެން.
4. ސައިފްގެ އެކް ވީޑިއޯތަކުގަ ވަރަށް ތަފާތު ކޮމެންޓްތައް މީހުން ކޮށްފަހުރޭ. ބައެއް ފަހަރު ވަރަށް ނެގެޓިވް/ ރޫޑް ކޮމެންޓްސް ވެސް ހުރޭ. ކިހިނެތް ސައިފް މިކަން މެނޭޖްކުރަނީ؟
ޖަވާބު: އިޖްތިމާއީ މިންގަނޑުތަކާ ހިލާފު ކޮމެންޓެއް ނޫނީއްޔާ ޑީލިޓްކޮށް ނުލާ ޕޮސިޓިވް ޖަވާބެއް ދެވޭތޯ ބަލަނީ
5. ވަރަށް ރަށްރަށަށް ވެސް ގޮސްފިންދޯ. ސައިފަށް އެންމެ ކަމުދިޔަ ރަށަކީ ކޮބާ؟
ޖަވާބު: މިހާރު ރާއްޖޭގެ 80 އަށް ވުރެ ގިނަ ރަށަށް ދެވިއްޖެ. އެހެން ވަކި ރަށެއް ބުނަން ދަތި. ވަރަށް ގިނަ ރަށްރަށުން ވަރަށް ރަނގަޅު މެހެމާންދާރީ ލިބިފަ ހުރީ.
6. ވަރަށް ގިނަ އެޑް ހެދިފަ ދޯ ހުންނާނީ މިހާރު. އެކްސްޕީރިއެންސްގެ ގޮތުން ދުވަހަކު ވެސް ސައިފް ހަނދާން ނުނެތޭނެ އެޑަކީ ކޮބާ؟
ޖަވާބު: ގާޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭ ގޮތުން ހެދި ވީޑިއޯއެއް. ސައިފަށް ރޮވޭތީ ވަރަށް އުނދަގުލުން ޝޫޓް ކުރެވުނީ
7. އެޑުގެ ކޮންސެޕްޓް ހަދަނީ ސައިފްތަ؟
ޖަވާބު: ގިނަ އެޑްތަކުގެ ކޮންސެޕްޓް ހަދަނީ ސައިފް. ބައެއް އެޑްތަކުގައި ކްލައެންޓްގެ ހިޔާލާ ސައިފްގެ ހިޔާލުތަކުގެ މިކްސްއެއް ވެސް އުޅޭނެ. އަދި ބައެއް އެޑްތަކަކީ އެ ކްލައެންޓް ބުނާ ގޮތަކަށް ސައިފް ޕްރެޒެންޓްކޮށްދީފަ ހުންނަ އެޑްތައް.
8. އެޑްތައް ހަދާއިރު އާންމުކޮށް މިހާރު ކިތައް ޓޭކް ނަގާ؟
ޖަވާބު: މިހާރު އެންމެ ގިނަ ވެގެން 3 ޓޭކް ވަރު ނަގަނީ. ގިނަ ފަހަރު ހަމަ ވަން ޓޭކް. 3-2 ޓޭކް ނަގަކީ ޝޮޓް ރަނގަޅަށް ލިބުނުކަން ޔަގީން ކުރަން.
9. ބޮޑަށް އިޚްތިޔާރު ކުރަނީ އެކަނި އެޑް ހަދަންތަ؟ ނޫނީ ބަޔަކާ އެއްކޮށްތަ؟
ޖަވާބު: މިހާރު މި ގެނެސްދޭ ސްޓައިލްގެ އެޑްތައް ފަސޭހައީ އެކަނި ގެނެސްދޭން. އެންމެ މައިގަނޑޫ ސަބަބަކީ އަވަހަށް ވީޑިއޯ ޑެލިވާ ކޮށްދިނުން. އެހެން މީހެއްގެ ޓައިމަށާ ޑިޕެންޑް ނުވެ ސައިފަށް އޮން ޓައިމް މަސައްކަތް ނިންމާލެވުމުގެ އެޑްވާންޓޭޖް އޮވޭ އެކަނި މަސައްކަތް ކުރީމަ.
10. މިކަމުގައި ސައިފަށް އެންމެ ބޮޑު ސަޕޯޓެއް ދެނީ ކޮން ބަޔެއް؟
ޖަވާބު: މިހާރު އެންމެ ބޮޑު ސަޕޯޓެއް ލިބެނީ ސައިފްގެ ޕާޓްނަރުގެ ފަރާތުން. އައިޑިއާ ހޯދުމުގައި ވެސް ޝޫޓް ކުރުމުގަ ވެސް އެޑިޓްކުރުމުގަ ވެސް ވަރަށް ފުރިހަމަ އެހީތެރިކަމެއް ލިބޭ. ދެން މަންމަ އާ އާއިލާގެ ސަޕޯޓް ވަރަށް ބޮޑު.