ހިނގައިގެން ދުވާލަކު 7000 ފިޔަވަޅު ހަމަކުރުމަކީ ސިއްހީ ބޮޑެތި މައްސަލަތަކުން މީހާ ސަލާމަތް ކޮށްދޭން ކަމެއް ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.
ކުރިން އާއްމުކޮށް ދުވާލަކު ދިހަ ހާސް ފިޔަވަޅު ހަމަކުރުން މުހިންމުކަމަށް ބުނެވުނު ނަމަވެސް މި ފަހުން ހެދި 57 ދިރާސާއެއްގައި 160،000 މީހުންގެ ބައިވެރިވުމާއެކު މިކަން މިވަނީ ބަދަލުވެފަ އެވެ. ލާންސެޓް ޕަބްލިކް ހެލްތު ޖާނަލް އިން އާއްމުކުރި ދިރާސާގައި ބުނީ ދުވާލަކު 7000 ފިޔަވަޅު ހަމަކުރާ މީހުންގެ އުމުރު ދިގުވުމުގެ ފުރުސަތު ދުވާލަކު 2000 ފިޔަވަޅު ހިނގާ މީހުނަށްވުރެ ބޮޑު ކަމަށެވެ.
މި ދިރާސާގައި ކުރީގެ ދިރާސާތަކުގައި ބަލާފައި ނުވާ ބައެއް ސިއްހީ ކަންކަމަށްވެސް ވަނީ ބަލާފަ އެވެ. އެގޮތުން ދުވާލަކު 7000 ފިޔަވަޅު ހިނގާ މީހުން ހަނދާން ނެތޭ ބަލި ޖެހުން 38 އިންސައްތަ ދައްކޮށްދިނުމާއެކު ޑިޕްރެޝަން ފަދަ ބަލިތަށް ޖެހުން 22 އިންސައްތަ ކުޑަ ކޮށްދޭއިރު، ހަކުރު ބަލިން ސަލާމަތް ވުމަށް 14 އިންސައްތަ އެހީތެރިވެދެ އެވެ.
އެހެން ކަމުން 10000 ފިޔަވަޅު ހަމަ ނުކުރެވުނަސް 7000 ފިޔަވަޅުންވެސް މިފަދަ އެތައް ފައިދާތަކެއް ލިބޭކަމަށް ދިރާސާއިން ދައްކާއިރު، މާހިރުން ބުނަނީ ނަންބަރު އެހާ މުހިންމު ނޫންކަމަށެވެ. މިސާލަކަށް ދުވާލަކު 2000-3000 ފިޔަވަޅު ހަމަވާ މީހުން އިތުރަށް 1000 ހަމަކުރަން މަސައްކުރުމުން މަޑުމަޑުން ބޭނުންވާ ނަތީޖާއާ ހަމައަށް ދިއުމަށް ފަސޭހަ ވެގެން ދާނެކަމަށް ބުނެފައިވެ އެވެ.
ދުނިޔޭގެ ސިއްހަތާ ބެހޭ އިދާރާއިން އިލްތިމާސް ކުރަނީ ކޮންމެ މީހަކުވެސް ހަފްތާއެއްގެ 150 މިނެޓް ކަސްރަތު ކުރުމަށެވެ. ނަމަވެސް ދުނިޔޭގެ ތިންބައިކުޅަ މީހުންވެސް މި ޓާގެޓަށް ވާސިލް ނުވާކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.