ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރާ 4،000 ފުލެޓުތައް ދޫކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހެދި އެއްބަސްވުންތަކުގައި ގާނޫނީ ގޮތުން ނުރައްކާތެރި މާއްދާތަކެއް އެބަހުރި ކަމަށް ފަހި ޔޫނިއަނުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމްއިއްޔާގެ ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، ސަރުކާރުގެ އިޖުތިމާއީ ބޯހިވާހިކަމުގެ އެއްވެސް ސްކީމެއްގައި ކުއްޔަށް ދިނުމުގެ އެއްބަސްވުން ހަދާފައި ނުވާ ކަމަށެވެ.
ނަމަވެސް 4،000 ފުލެޓު ލިބޭ މީހުންނާ ދެމެދު ހަދަނީ ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ކަމަށާއި ފުލެޓު މިލްކު ވަނީ ކުއްޔަށް ފައިސާ ދައްކާތާ 25 އަހަރު ފަހުން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
މި ސަރުކާރުން ތަނެއް ކުއްޔަށް ދޭ ނަމަ ދެވޭނީ، މި ސަރުކާރުން އަލަށް އަޅާ ފްލެޓްތައް ކަމަށް ވެސް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ. ދެ ފަރާތަކުން އެގްރީމެންޓެއް އެކުލަވާލާ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެއަށް ބަދަލު ގެނެވޭނީ ދެ ފަރާތުން އެއްބަސްވާ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހި ޔޫނިއަނުން ކަންބޮޑުވުން ފާޅުކުރީ އެއްބަސްވުމުގައި ނުރައްކާތެރި މާއްދާތަކެއް ހުރުމުންނެވެ. އެގޮތުން އެއް މާއްދާއެއްގެ ގޮތުން ފާހަގަކުރީ އެއްބަސްވުމުގެ 18 ވަނަ މާއްދާއެވެ. އެ މާއްދާއާ ހަވާލާދީ އަލީ ވިދާޅުވީ، އެއްވެސް ސަބަބަކާ ހެދި ކުލި ނުދެއްކިއްޖެ ނަމަ ނޯޓިސް ދީފައި ފުލެޓު އަތުލުމުގެ ބާރު އޮތް ކަމަށެވެ.
އިތުރަށް އެ ޔޫނިއަނުން ފާހަގަކުރީ އެއްބަސްވުމުގެ 25 ވަނަ މާއްދާއެވެ. އެ މާއްދާއާ ހަވާލާދީ އަލީ ވިދާޅުވީ، ކުލި ނުދެއްކިއްޖެނަމަ، އެހެން މީހަކަށް ފުލެޓު ވިއްކުމުގެ ބާރު އެފްޑީސީއަށް ލިބިފައި އޮތް ކަމަށެވެ.
ކުރީ ސަރުކާރުގައި ފުލެޓު ލިބޭ މީހުންނާ އެކު އެއްބަސްވުން އެކުލަވާލިކަމަށާއި އެފްޑީސީން ކުރިން އެކުލަވާލި އެއްބަސްވުމަށް ރުޖޫއަވާން ޖެހޭ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
އޭގެއިތުރުން، އެ ޔޫނިއަނުން ވަނީ، ފުލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ބޮޑުކޮށް ދައްކަން ޖެހޭތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްޑީޕީގެ ސަރުކާރުން ނިންމައި, އިއުލާން ކުރީ އެ ސްކީމުގެ ދަށުން އެޅި ތިން ކޮޓަރީގެ ފްލެޓެއް މަހަކު 8,000 ރުފިޔާގެ ކުއްޔަކަށް ދޫކުރުމަށެވެ/ އަދި ދެ ކޮޓަރީގެ ފްލެޓެއް 6,000 ރުފިޔާގެ މަހު ކުއްޔަކަށް ދޫކުރާށެވެ.
ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25,000 ރުފިޔާ ނެގުމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާގެ އެޑްވާންސް ފީއެއް ނަގަން ވަނީ ނިންމައިފައެވެ. އަދި ދެ ކޮޓަރީގެ ކުއްޔަށް މަހަކު 7،000 ރުފިޔާ ނެގުމަށާއި ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށް ވަނީ ނިންމައިފައެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާ ނަގާއިރު ދެ ކޮޓަރިން ނަގަނީ 1,000 ރުފިޔާއެވެ.
ގެދޮރުވެރިޔާ ސްކީމަށް ހާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ސަރުކާރުން ނެރުނު ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 1820 މީހުންނަށެވެ. އެ ފްލެޓްތަކުގެ އެގްރީމެންޓްގައި ސޮއި ކުރުމުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ފަށައިފައެވެ
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުުރުމުގެ އުސޫލު އަދި މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ފަރާތްތަކާއެކު އެބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ފްލެޓު ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް މި މަރުހަލާ ކުރިއަށްދާ ގޮތާއި މެދު އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ.