އަވައްޓެރި ސްރީލަންކާގެ ރައީސް، އަނުރަ ކުމާރަ ޑިސަނަޔަކެ ރާއްޖެ ވަޑައިގެންފި އެވެ.
މިއީ ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ލަންކާގެ ރައީސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މިއީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.
ލަންކާގެ ރައީސްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ. ރައީސް މުއިއްޒުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ޑިސަނަޔަކެ އާ ދެބޭފުޅުންގެ ދެމެދުގައި ދެގައުމަށްވެސް ފައިދާ ކުރަނިވި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާގެ ރައީސް ޑިސަނަޔަކެ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަމަށްވާއިރު، ލަންކާގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ގުޅުންގާއިމު ކުރެވުނު ތާރީހު ކަމަށްވާ ޖުލައި 29 ވެސް ފާހަގަކުރެވިގެންދާނެ އެވެ.