ދިރާގުން އެންޓާޕްރައިސްތަކަށް ހާއްސަ ކޯލޮކޭޝަން ހިދުމަތާއެކު އެންޓަޕްރައިސްތަކަށް ދެމުންގެންދާ ހިދުމަތްތައް ފުޅާކޮށްފި އެވެ.
މި ހިދުމަތަކީ އެންޓަޕްރައިސްތަކަށް އައިޓީ ސިސްޓަމްތައް ރައްކާތެރިކަމާއެކު ހޯސްޓް ކުރުމަށް އިތުބާރު ހުރި، އަދި ސްކޭލަބަލް އިންފްރާސްޓްރަކްޗާއެއް ފޯރުކޮށްދިނުމަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތެކެވެ. މި ހިދުމަތުގެ ތެރެއިން، އެންޓަޕްރިސްތަކަށް އަމިއްލަ ޑޭޓާ ސެންޓަރުތައް ގާއިމް ކުރުމުގެ ބަދަލުގައި، ރާއްޖޭގައި ހުރި ހަމައެކަނި ދިރާގު ޓިއާ 4 ސަޓިފައިޑް ޑޭޓާ ސެންޓަރުން ހަރަދު ކުޑަ، އަދި ފެންވަރު ރަނގަޅު ހައްލެއް ލިބޭނެ އެވެ.
މި ހިދުމަތުގެ ސަބަބުން އެންޓަޕްރައިސްތަކުން ފިޒިކަލް އިންފްރާސްޓްރަކްޗަރަށް ކުރާ ކެޕިޓަލް އިންވެސްޓްމަންޓްތަކާއި އަދި އައިޓީ މެއިންޓެނަންސް ފަދަ އޮޕަރޭޝަނަލް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ އެވެ. ދިރާގު ޑޭޓާ ސެންޓަރަކީ އެންޓަޕްރައިސްތަކަށް ރައްކާތެރިކަމާއި އިތުބާރާއެކު އެ ފަރާތްތަކުގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ޑޭޓާ ސެންޓަރެކެވެ. މި ގޮތުން، މި ޑޭޓާ ސެންޓަރުގައި ފުލް ރިޑަންޑަންޓް ޕަވަރ އަދި ކޫލިންގ ސިސްޓަމްތަކުގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރުމަށް ބޭނުންވާ އެންމެ ޒަމާނީ ފެންވަރުގެ ޓެކްނޮލޮޖީ ވަނީ ގާއިމްކޮށްފަ އެވެ.
މީގެ އިތުރުން، އެންމެ މަތީ ސަލާމަތީ މިންގަޑުތަކާއެކު މި ސެންޓަރު ދަނީ ސަޓިފައިޑް ތަޖުރިބާކާރުންގެ ޓީމަކުން 24 ގަޑިއިރު މޮނިޓާކުރަމުންނެވެ. މި ހިދުމަތް ހިޔާރުކުރާ އެންޓަޕްރައިސްތަކަށް އެންމެ އެކަށީގެންވާ ހައްލުތައް ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށްފަހު ދިރާގުން އެ އެންޓަޕްރައިސްއަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ސެޓްއަޕް އަދި މައިގްރޭޝަން ސަޕޯޓް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަކޮށް، ހިދުމަތުގެ މިންގަނޑުތައް އުފުލައި، އިތުބާރުހުރި ފެންވަރު ރަނގަޅު ހިދުމަތްތަކުގެ އެހީގައި ދިވެހި އަދި ބައިނަލްއަގުވާމީ އެންޓަރޕްރައިސްތައް ބާރުވެރިކޮށްދެމުންނެވެ.