ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ފުރާވަޑައިގެންފި އެވެ.
މިދިޔަ ހޯމަ ދުވަހު އަނޫރާ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި މިރޭ ފުރާވަޑައިގަތްއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ކިޔާފައި ވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ.
އަނޫރާގެ މި ދަތުރުފުޅުގައި މުހިންމު ދެ ދާއިރާއަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެ އެވެ. ޑިޕްލޮމެޓިކް ތަމްރީންތަކާއި މައުލޫމާތު ބަދަލުކުރުމާ ގުޅޭ ގޮތުން ސްރީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިޕްލޮމެޓިކް ސްޓަޑީޒް އާއި ރާއްޖޭޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް (ފޮސިމް)އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެ އެވެ.
ޖިނާއީ މައްސަލަތަކާއި ޖިނާއީ ކުށްތައް ހުއްޓުވަން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.
ސްރީލަންކާގެ ރައީސް ވަނީ ރައީސް މުއިއްޒަށް ވެސް އެ ގައުމަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމުގެ ދައުވަތު ދެއްވާފަ އެވެ.