ކައުންސިލް އިންތިހާބުގެ ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާއަށް ސަރުކާރުން ނުފޫޒުފޯރަވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދީފި އެވެ.

މިއަދު ހަވީރު އެ ކޯލިޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އިލެކްޝަން ކޮމިޝަން (އީސީ) މެދުވެރިކޮށް އިންތިހާބުގެ ނަތީޖާއަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ހީނާ ވިދާޅުވީ ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރާ ކަންތައްތަކާ ގުޅިގެން އެޅެން ހުރި ގާނޫނީ ފިޔަވަޅުތަށް ބަލައި ކޯޓަށް ދާނެ ކަމަށެވެ. އަދި ވަނީ އީސީ މެދުވެރިކޮށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތް ހުއްޓާލުމަށް ވެސް ގޮވާލައިފަ އެވެ.

"ވޯޓުން ވައްކަން ކުރުމާއި ވޯޓަށް ނުފޫޒު ފޯރުވުން، އަދި ނަތީޖާ ބަދަލުކުރުމަށް، ސަރުކާރުން އީސީއަށް ނުފޫޒު ފޯރުވުމަށް، ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަން،މިކަންކަމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް، އެއީ މިފަދަ މައްސަލަތަކެއް ކޯޓަށް ހުށަހަޅަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ވެސް މިދަނީ ތައްޔާރުވަމުން" ހީނާ ވިދާޅުވި އެވެ.

ޕީޕީއެމްއަށް ކުޑަ ފަރަގުން ކާމިޔާބުވެފައި ހުރި ފޮށިތަކަށް ނޫފޫޒު ފޯރުވުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި އެކަންކަން އިދިކޮޅު ކޯލިޝަނުން މިހާރު ބަލަން ފަށާފައިވާކަމަށް ހީނާ ވަނީ ވިދާޅުވެފަ އެވެ. އަދި ވަނީ ޕީޕީއެމްގެ މެމްބަރުންނަށް ސަރުކާރު ވޯޓަށް ނުފޫޒު ފޯރުވާކަމުގެ ޝަކުވާ ލިބޭނަމަ އެކަން ޕީޕީއެމްއާ ހިއްސާކުރުމަށް އެދިފަ އެވެ.

ފޮށިތަކުގެ ނަތީޖާ ބަދަލުކުރުމަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެއީ ކޮން ފޮށިތަކެއް ކަމެއް ހިނާ ވިދާޅެއް ނުވެ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެފައިި ވަނީ ވޯޓުން އަލުން ގުނައިފިނަ މާލޭގެ ހަތަރު ގޮޑިއެއް އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

އެމްޑީޕީއިން ވޯޓުން ފޮށި އަލުން ގުނައިދޭން އީސީގައި އެދޭނެ ކަމަށް ބުނެފައިވީނަމަވެސް އީސީއިން މިއަދު ބުނީ އެފަދަ ހުށަހެޅުމެއް އަދި ލިބިފައިނުވާ ކަމަށެވެ.